ޚަބަރު

ދެމި ހުންނަވާނީ ރައްޔިތުންގެ އުންމީދާއި އެއްގޮތަށް ކަންކަން ކުރެއްވުމުގައި - ރައީސް


މަޤާމުގައި ދެމި ހުންނަވާނީ ރައްޔިތުންގެ އެދުމާއި އުންމީދުތަކައި އެއްގޮތަށް ކަންކަން ހާސިލްކޮށް ދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އއ އުކުޅަހުގައި މިއަދު ފެށި "ވިއަވަތި" ކޮންފަރެންސް ފައްޓަވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވީ ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ލާމަރުކަޒީ އުސޫލުން ރަށްރަށުގެ ކަންކަން ހިންގުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަށްކަމަށެވެ.

ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބުވީ ކައުންސިލްތަކަށް އެއް އަހަރު ފުރިގެންދިޔައިރު ކައުންސިލްތަކަށް ހުރިން ގޮންޖެހުންތައް ގިނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 77 ކައުންސިލަރަކާއި ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކަށް ބަޖެޓު ނެތުމާއި، ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމަށް ހުރި ގޮންޖެހުންތަކާއި، އިޤްތިޞާދީ މަންފާތައް ހޯދުމަށް އެޅިފައިވާ ހުރަސްތަކުގެ ޝަކުވާތައް މި ބައްދަލުވުންތަކުން އިވިވަޑައިގެންނެވިކަމަށެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށާއި، މިކޮންފަރެންސުގެ އެންމެ ބޮޑު ބޭނުނަކީވެސް އެއީކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" އަޅުގަނޑު މިމަޤާމުގައި ދެމިހުރީ ރައްޔިތުންގެ އެދުމާއި އުންމީދާއި އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުންނޫން އެހެން އެއްވެސް ބޭނުމަކު ނޫން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް ޞާލިހު ވިދާޅުވިއެވެ.

ލާމަރުކަޒީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށްފަހު ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލު ހޯދުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން އަންހެނުންނަށް ރަށްރަށުގައި ބަސްބުނުމުގެ ފުރުސަތު ތަނަވަސް ކުރުމަކީވެސް ސަރުކާރުގެ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިސިޔާސަތުގެ ތެރެއިން އަންހެނުންނަށް ކައުންސިލްތަކުން ދޫކުރެވުނު 33 ޕަސެންޓް ހިއްސާއާއިއެކު މިހާރުވެސް 388 އަންހެން ކައުންސިލަރުން ދަނީ ރަށްރަށުގައި ބަސްބުނަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބު ކުރެވުނު ކައުންސިލަރުންނަށް މިވީ އެއް އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ތަރައްޤީގެ އެތައް ކަމެއްގައި ކައުންސިލްތަކުން ސަރުކާރަށް ދެއްވި އެއްބާރުލުމާއި އެހީ ތެރިކަމަކީ ރަށްރަށުން މިއަދު ފެނިގެންދާ ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.