ޚަބަރު

ރައީސްގެ ތަސައްވުރަކީ ތަފާތުކުރުމެއްނެތި، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފުޅާކުރުން: ހަމްދާން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޔާސަތަކީ އެއްވެސް ތަފާތު ކުރުމެއްނެތި، ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާ ގުޅޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތިންވަނަ ބައްދަލުވުން މިއަދު އއ.އުކުޅަހުގައި ވަނީ ފަށާފައެވެ. މިބައްދަލުވުމުގެ މަޤްސަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ހަމްދާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، އަދި ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދެއްވުމަށް ކަމުގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު އެރަށެއްގެ ރައްޔިތުންނަށް ދެއްވުމަށް ކަމުގައެވެ. ސަރުކާރުން ހުށަހެޅުއްވި އިސްލާހު ތަކާއިއެކު މިއަދު ޤާނޫނަށް ގެނެވިފައިވާ ބަދަލުތަކުގެ ނަތީޖާ މުޅި ރާއްޖެއިން ފެންނަމުންދާކަމަށް ހަމްދާން ވިދާޅުވިއެވެ. ރައީސްގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ކަށަވަރު ކޮށްދިނުންކަމުގައެވެ.

އަތޮޅުތެރޭގެ ރަށްތަށުގެ ކޮންމެ ނިންމުމެއްވެސް ސަރުކާރުން ނިންމަމުންދަނީ އެރަށެއްގެ ރައްޔިތުންގެ ބަސް އަޑުއަހައި، ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ޚުދު ރައީސުލްޖުމްހޫރިއްޔާ ވަނީ 77 ކައުންސިލަކާއި ބައްދަލު ކުރައްވައި ރައްޔިތުން އެދޭގޮތް ސާފު ކުރައްވާފައެވެ.

ކޯވިޑްގެ އެންމެ ދަތިހާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލައްވައިގެން ޚިދުމަތް ދެއްވުމަށްކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި މިއަދު އަތޮޅުތެރެއިން ފެނިގެންދާ ތަރައްޤީތަކަކީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ދަށުން ބާރުތައް ދޫކޮށްލެއްވުމުގެ ނަތީޖާކަމަށް ހަމްދާން ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އޭރުގެ ސަރުކާރުން ޤާނޫނަށް ގެނައި ބަދަލުތަކާއި، ހިފެހެއްޓިފައިވާ އެންމެހައި ބާރުތައް ދޫކޮށްލުމަށް ޤާނޫނަށް ގެންނަންޖެހޭ މަޝްވަރާތައް ފެށްޓެވީ "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ބޭއްވި ފުރަމަމަ ފޯރަމް ބޭއްވީ 2019 ވަނަ އަހަރުއެވެ. ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއިއެކު މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤު ކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހެއެވެ.

ލާމަރުކަޒީ ނިޒާމަށް މިއަހަރު 13 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ.