ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފައެވެ. އެލަރޓް ނެރެފައިވަނީ މިއަދުގެ 10:30ގެ ނިޔަލަށެވެ. މި ގަޑިތަކުގައި ކ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މިިދިޔަ 24 ގަޑިއިރުގެ ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ މާލެ އަތޮޅު ގުރައިދޫއަށެވެ. އެރަށަށް 74 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ އދ. މާމިގިއްޔަށެވެ. އެރަށަށް 46 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ.
މެޓް އޮފީހުން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުގެ ލަފާކުރުންތައް ދައްކާގޮތުން އުތުރުގެ އަތޮޅުތަކަށް އާއްމުކޮށް ވާރޭ ވެހޭވަރަށްވުރެ މިމަހު ވާރޭ ވެހޭ ވަރު އިތުރުވާނެއެވެ. އަދި އުތުރުގެ އަތޮޅުތަކުގައި ފިނިހޫނުމިން އާއްމު މިންގަނޑުގައި ހުރި ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.