ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް އަޙްމަދު ވާސިފް އިންތިޚާބުކޮށްފިއެވެ. 
ޝީ ބިލްޑިންގައި ހުކުރު ދުވަހުގެރޭ ބޭއްވި އިންތިޚާބު ކުރިއަށްދިޔައިރު ފެންނަ ނުފެންނަ ވޯޓަށެވެ. ނިއުގެ އައު ބޯޑަށް އިންތިޚާބުވި ކޮންމެ ފަރާތަކުންވެސް އިންތިޚާބުވީ ޖަލްސާގައި ބައިވެރިވި ފަރާތްތަކުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. 
ވާސިފް ޗެއާމަންގެ މަގާމަށް އިންތިޚާބުވިއިރު، ވައިސް ޗެއާމަންގެ ދެ މަގާމަށް ހޮވުނީ އިސްމާއިލް ރަޝީދު އާއި ޒަހީނުއްދީން ސައީދުއެވެ. ސެކްރެޓަރީއަކަށް ސާއިދު އަލި ދީދީ އިންތިޚާބުވިއިރު، ހަޒާންދާރަކަށް އިންތިޚާބުވީ އަޙްމަދު ހުސެއިންއެވެ. މީގެ އިތުރުން ބޯޑު މެމްބަރުންގެ ގޮތުގައި އިންތިޚާބުވީ، މުޙައްމަދު ޔޫސުފް، ލުއައްޔު އާދަމް، އާސިމް ރިޒާ އަދި މުޙައްމަދު މާލިކެވެ. 
ނިއުގެ ބޯޑަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ދާދި ފަހުން އޭއެފްސީން ނިއުގެ ސަކްސެސާއެއްގެ ގޮތުގައި ކަނޑައެޅި ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހިންގާ ކޮމެޓީއަށް އިންތިޚާބުވި މެމްބަރުންނެވެ. 
ނިއުގެ ޗެއާމަންކަމާ ހަވާލުވުމަށްފަހު ވާސިފް ވިދާޅުވީ، ރޭޑިއަންޓް ގެންނަން މީގެ ކުރިން ނިންމީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކުރިއަށް ދެވެން އެ ވަގުތު ނެތިގެން ކަމަށެވެ. އެކަމަކު މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ނިއު އަލުން ކޮޅަށް ޖެހުން ކަމަށް ވާސިފް ވިދާޅުވިއެވެ. 
ވާސިފް އިތުރަށް ވިދާޅުވީ، އަންނަ ޖުލައި މަހު ފަށާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާން ނިއުއިން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު އެ މުބާރާތުގައި ބައިވެރިނުވެވުނު ނަމަވެސް ވީ އެންމެ އަވަހަށް މުސާރައިގެ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށް ވާސިފް ވިދާޅުވިއެވެ. 
ފުޓްބޯޅައިގެ ހަރަކާތްތަކުން 2019 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ނުދީ ހުރުމާއެކުގައެވެ. އަދި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ އޮތުމުން ފީފާއިންވެސް ވަނީ ނިއު ސަސްޕެންޑްކޮށްފައެވެ.
ނިއުގެ އިންތިޚާބު ބާއްވައިފައި މިވަނީ ދާދި ފަހުން ނިއުގެ ވާދަވެރި ކްލަބް ވިކްޓްރީން އެ ކްލަބްގެ އިންތިޚާބު ބޭއްވާފައިވަނިކޮށެވެ. އެ ކްލަބުން މިހާރު ވަނީ ދަރަނީގެ ކަންކަން ނިންމާ އެފްއޭއެމް މެދުވެރިކޮށް ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އަދި މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.