އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގެ ވެސްޓާން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައި، ޕްލޭއޮފް ފައިނަލުން ގޯލްޑަން ސްޓޭޓް ވޮރިއާސް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ވެސްޓަރން ކޮންފަރެންސްގެ ޗެމްޕިއަންކަން ވޮރިއަރސް ހޯދީ ފައިނަލްގައި ޑެލަސް މެވްރިކްސް އާއި ވާދަކޮށް ހަތަރު މެޗް އެއް މެޗުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ވޮރިއަރސް ކާމިޔާބުކުރީ 120 ޕޮއިންޓް 110 ޕޮއިންޓުންނެވެ. މި ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ތިން މެޗް ވޮރިއަރސް ކާމިޔާބުކޮށްފައިވަނިކޮށް، ކުޅުނު ހަތަރުވަނަ މެޗް ކާމިޔާބުކުރީ މެވްރިކްސްއެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗްގައި ވޮރިއަރސްގެ ކްލޭ ތޮމްޕްސަން ވަނީ 32 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 28 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ.
މިކާމިޔާބީއާއެކު އެންބީއޭ ޕްލޭއޮފް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޓީމަކަށް މިވަނީ ވޮރިއަރސް ވެގެން ގޮސްފައެވެ. ޕްލޭ އޮފް ފައިނަލްގައި ވޮރިއަރސްއާ ވަދަކުރާނެ ދެވަނަ ޓީމެއް ކަށަވަރުވެގެންދާނީ އީސްޓަރން ކޮންފަރެންސްއި މައޭމީ ހީޓް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރަމުންދާ ފައިނަލުންނެވެ. މިފައިނަލްގައި މިހާރު ތިން މެޗް ދެމެޗުން ކުރީގައި އުޅެނީ ސެލްޓިކްސްއެވެ.