ކުޅިވަރު

މުސްތަގުބަލާ ގުޅޭގޮތުން މާނޭގެ ޚާއްސަ ޖަވާބެއް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު


މުސްތަގުބަލާ ގުޅޭގޮތުން ވަރަށް ޚާއްސަ ޖަވާބެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު ދޭނެ ކަމަށް ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލުގެ ފޯވާޑް ސާޑިއޯ މާނޭ ބުނެފިއެވެ.

މާނޭގެ މިވާހަކަ ގިނަ ބަޔަކު ސިފަކުރަނީ އޭނާ ލިވަޕޫލްގައި މަޑުކުރާ ވާހަކަ ބުނަން އުޅޭ ކަމަށެވެ. އުމުރުން 30 އަހަރުގެ މާނޭ ގެންދިއުމަށް ބާސެލޯނާ އާއި ބަޔާން މިޔުނިކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލާއެކު މާނޭ ހަދާފައިވާ އެއްބަސްވުން މިއަންނަ ސީޒަނާއެކު ހަމަވާނެތީ، ލިވަޕޫލާއެކު އަލުން އެއްބަސްވުން އާނުކުރާނަމަ އޭނާ ވިއްކާލުމަކީ ވަރަށް ގާތްކަމެއް ކަމަށް ކުޅިވަރުގެ ތަޖްރިބާކާރުން ހާމަކުރެއެވެ. އެއީ އެވަރުގެ ކުޅުންތެރިޔަކު ކްލަބަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް ދޫކޮށްލަން އެއްވެސް ކްލަބަކުން ބޭނުން ނުވާނެތީކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން އަންނަނީ މާނޭ އެ ކުލަބުގައި މަޑުކުރުވުމަށް މަސައްކަތް ކުރަމުންނެވެ. މާނޭ ބުނީ މުސްތަގުބަލާ ގުޅޭގޮތުން އޭނާ ދޭން އޮތް ޖަވާބަކީ އޭނާ ގަބޫލު ކުރާގޮތުގައި ވަރަށް ރަނގަޅު ޖަވާބެއް ކަމަށެވެ. ނަމަވެސް މިވަގުތު އޭނަގެ ހުރިހާ ވިސްނުމެއްވެސް ހުރީ ކުރިއަށް އޮތް ފައިނަލަށް ކަމަށާއި، އޭނާގެ ވާހަކަ ދައްކާނީ ފައިނަލަށް ފަހު ކަމަށްވެސް ވަނީ ބުނެފައެވެ.