ޚަބަރު

އޯ.އައި.ސީގެ ބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި


އިސްލާމީ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމާޢަތް އޯ.އައި.ސީއިން ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށްފަހު، ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު މާލެ ވަޑައިގެންފިއެވެ.ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ދިޔަ އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެން ޚާރިޖީ ވަޒީރު ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވާފައެވެ.މިނިސްޓަރ ދުންޔާގެ ވާހަކަފުޅުގައި ވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީ އަށާ އެޤައުމުގެ މަޝްހަދްގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓް އޮފީހަށް ބަޔަކު މީހުން ދިން ޙަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. ދުންޔާ ވިދާޅުވީ، ވިދާޅުވީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އެކި ޤައުމުތަކުގައި ޤާއިމުކޮށްފައި ހުންނަ އެހެން ޤައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ރައްކާތެރިކުރުމަކީ އެ ތަންތަން ހުންނަ ޤައުމެއްގެ ޒިންމާއެއްކަމަށެވެ.އެކަމަނާގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ޤަވާޢިދާ ޚިލާފަށްވެރިވެގަންނަމުންދާތީ އެކަން ކުށްވެރިކުރައްވާފައިވެއެވެ. އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤައުމުތަކުންވެސް ބަލައިގަތުމަށާއި، އެދައުލަތަށް އެއްބާރުލުން ދިނުމަށް ދުންޔާ ގޮވާލެއްވިއެވެ.