ޚަބަރު

ހައިޑްރޯގްރެފިކް ސަރވޭގައި ބޮޑު ސަރަހައްދެއް ބަލައި ނިމިއްޖެ


ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލައި ނިމިއްޖެއެވެ.

2007ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.

މިޔަ މަހުގެ ފެށި މިސާވޭގައި ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދު ވެސް ސާވޭކުރިއިރު ސާވޭގެ ތެރޭގައި 6،500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާއިރު، އެއީ އުތުރުގައި 4،750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ކައިރީގެ 1،730 ނެނޮމީޓަރުގެ ސައުންޑިންއެވެ. ޖުމްލަ 944 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ކާމިޔާބުކަމާ އެކީ ސާވޭ ވަނީ ކޮށްފައެވެ.

އެއީ ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫއިން ފެށިގެން ށ.ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 އަކަކިލޯމީޓަރާއި މާލެ ސަރަޙައްދުގެ 100 އަކަކިލޯމީޓަރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެކަމަށެވެ.

އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ތެރެއިން، މިދިޔަ އަހަރު ވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް ސަރވޭ ކޮށްފައެވެ.