ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި


ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މިމަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމަޤާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާ ޝަރުއީ ނުވަތަ ޤާނޫނީ ދާިއރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެއެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ފަނޑިޔާރު ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ހަވާލުވެ ވަޑައިގެންފައެވެ. ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2011 މާރޗް 26ވަނަ ދުވަހުއެވެ.

ސަމީރަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ ން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.