ޚަބަރު

ދ.މީދޫ ބަނދަރުގެ އެއްގަމު ތޮށީގައި ގައު އެތުމުރުގެ މަސައްކަތް ނިންމާލައިފި


ދ މީދޫގައި އަލަށް ތަަރައްޤީކުރާ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންކުރާ ގާތައް އަތުރާ ނިމިފައިވާކަމަށް އެބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ދ.މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްތުގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ.

ދ.މީދުގައި ބަނދަރެއް ތަރައްޤީކުރަން ސަރުކާރުން ފެށީ އެރަށަކީ މަސްވެރިމުގެ ބޮޑެތި އުޅަނދު ފަހަރު އޮންނަ ރަށަކަށް ވުމުން ފަޅުގެ ޖާގަ ކުޑަވުމުންނާ ފަޅު ބޭނުން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ. މިހާރު އެރަށުގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ކުރަމުން ދަނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް ނަސީމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވިއެވެ.

މިބަނދަރަކީ ކޮންމެ ދުވަހަކުވެސް އެތައް އުޅަނދެއް ވަދެ ނުކުމެހަދާ ބަނދަރަކަަށްވުމުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަނދަރުގެ ޖާގައިގެދަތިކަންކަމަށް އިބްރާޙިމް ނަސީމް ވިދާޅުވިއެވެ. އަދި މިހާތަނަށް ބަނދަރުގެ މައްސަލަ ހައްލު ކުރަމުން އައީ ރައްޔިތުންގެ އެއްބާރުލުމާއި އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެންމެ ބޮޑަށް މިމައްސަލަ ކުރިމަތިވަނީ މޫސުން ގޯސްވެ މަސްވެރިން ރަށުގައި ތިބޭ ދުވަސްވަރުގައެވެ. އެއީ އެރަށުގައި އޮންނަ 23 ކަންނެލި ދޯނިތައް ފަޅުގައި އަޅާފައި އޮންނާތީއެވެ.

"އަތޮޅުގެ އެކި ރަށްރަށުން މީހުން އާދޭ އެކި އެކި ބޭނުންތަކަށް، އަދި ރިސޯޓްތަކުގެ އުޅަނދުތައްވެސް ވަރަށް ގިނައިން އާދޭ މިރަށަށް، އޮޑި ދޯނިފަހަރު އަޅާނެތަނެއް ނެތުމަކީ އަންނަ ފަރާތްތަކަށް އޮތް ދަތިކަމެއް އެކަން ހައްލު ކުރުމަށް ސަރުކާރުގައި އެދުމުން ބަނދަރު ތަރައްޤީކޮށް ބޮޑު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ" ކައުންސިލް ރައީސް ވިދާޅުވިއެވެ.

މީދޫ ރައްޔިތުންނަށް ދިމާވެފައި އޮތް ފަޅުގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ. އަލަށް ބަނަދަރަށް އިތުރުކުރާ މި ބައިގައި 950 ފޫޓް ހުންނާނެކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެރަށުގައި ހަދާފައި އޮތް 1000 ފޫޓް ދިގު ބަނދަރާ އަލަށް ހަދާބަނދަރު ގުޅާލުމުން ބަނދަރުގެ ބޮޑުމިނުގައި ޖުމްލަ 1950 ފޫޓް ހުންނާނެއެވެ. މީދޫ ބަނދަރަގެ މަސައްކަތް ނިމުމުން މިހުރިހާކަމަކަށް ހައްލު ލިބިގެންދާނެކަމަށްވެސް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން 373 މީޓަރުގެ ބޭރުތޮށިލުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހަވާލު ކުރި މިބަނދަރުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ފަޅުގެ ބައެއް ފުންކުރުމާއި އަލަށް ހަދާ ބަނދަރު ހިމެނޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ.

1400 އެއްހާ މީހުން ދިރިއުޅޭ މީދޫގެ ބަނދަރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 408 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 32.82 މިލިއަން ރުފިޔާއަށެވެ.