ކުޅިވަރު

މޯހަން ބަގާނަށް ދެވަނަ ބުރު ހައްގު: ޖެސިކް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔުން އޭޓީކޭ މޯހަން ބަގާނަށް ހައްގު ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރުން މޯހަން ބަގާން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. މޯހަން ބަގާނުގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިންވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އެކަމަކު މޯހަން ބަގާނަށް ދެވަނަ ބުރުގެ ފުރުސަތު ލިބުނީ ހެޑް-ޓު-ހެޑުން ކުރިލިބޭތީއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޯހަން ބަގާން އަތުން މާޒިޔާ ވަނީ 5-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުަގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޖެސިކް ބުނީ ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ހައްގު ޓީމު ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާލުމުން މޯހަން ބަގާނުގެ ކޮލެޓީ ވަރަށް ރަނގަޅަށް ފެންނާނެ ކަމަށްވެސް ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މޯހަން ބަގާން މެޗު ފަށައިގެން މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އެކަމަކު މޯހަން ބަގާނުން ޖެހި ފުރަތަމަ ލަނޑަކީ މާޒިޔާގެ ފަހަތުން ހެދުނު ގޯހެއްގެ ސަބަބުން ވަން ލަނޑެއް ކަމަށާއި، އެއާއެކު މެޗުގެ އޮއެވަރު ބަދަލުވި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި ފެންވަރުގެ ޓީމަކާ ކުޅޭއިރު، އެ ޓީމުން ލީޑު ނެގުމުން ފަހަތުން އަރައި ލީޑު ހޯދުން އެއީ އުނދަގޫ ކަމެއް ކަމަށްވެސް ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މި މުބާރާތުގައި މާޒިޔާއިން ކުޅުނު މެޗުތަކުން ބަލިވީ ފަހަތުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

މިއީ މޯހަން ބަގާނުން މި މުބާރާތުގެ ދެވަނަ ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުވެސް މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ މޯހަން ބަގާނެވެ.