ދުނިޔޭގެ ވިޔަފާރި

ސެމްސަންގުން 80000 ވަޒީފާ އިތުރުކުރަނީ


ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަށްޑިހަ ހާސް ވަޒީފާ އިތުރުކުރުމަށް ދެކުނު ކޮރެއާގެ ޓެކް ކުންފުނި ސެމްސަންގުން ނިންމައިފިއެވެ.

އާ ވަޒީފާތަކަށާއި ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކަމަށްވާ ޗިޕް އުފެއްދުމާއި ބަޔޯފާމަސޫޓިކަލް ވިޔަފާރިއަށް 356 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ކުންފުނިން ވަނީ ނިންމާފައެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހު މިކަންތައްތަކަށް ކުންފުނިން ހޭދަކޮށްފައިވާ މިންވަރަށްވުރެ 30 އިންސައްތަ އިތުރު މިންވަރެކެވެ.

80 ހާސް ވަޒީފާގެ ތެރެއިން އަންނަ އަހަރު ނިމެންވާއިރަށް 40000 ވަޒީފާ އުފެއްދުމަށް ކުންފުނިން ވަނީ ނިންމާފައެވެ. އަލަށް އުފައްދާ ގިނަ ވަޒީފާތައް އުފައްދާނީ ދެކުނު ކޮރެއާގައެވެ. އަދި ކުންފުނީގެ އެހެން އައުޓްލެތްތަކުގައިވެސް އާ ވަޒީފާތައް އުފައްދާނެއެވެ. ސެމްސަންގް ސެންޓަރުތައް ހުންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ އަދި ފިލިޕީންސް ހިމެނެއެވެ.

ސެމްސަންގ މަޝްހޫރުވެފައި ވަނީ އެމީހުންގެ އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމަށެވެ. އެންމެ ބޮޑަށް މަޝްހޫރު ޓީވީ އާއި ސްމާޓްފޯނު އުފެއްދުމަށެވެ. މީގެއިތުރުން މި ކުންފުނިންން އަންނަނީ ސެމީކޮންޑަޓާސްވެސް އުފައްދަމުންނެވެ. ސެމްސަންގުން މިހާރު އެންމެ ބާރުލާފައި ކުރާ ކަމަކީ 6ޖީ ތަރައްޤީކުރުމެވެ.