މުނިފޫހިފިލުވުން

އިންޑިއާގެ މަޝްހޫރު ޓާޓާ އާއިލާގެ ވާހަކަ ސްކްރީނަށް


އިންޑިއާގެ އެންމެ ނުފޫޒުގަދަ މަޝްހޫރު އާއިލާ، ޓާޓާ އާއިލާގެ ވާހަކަ ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.

މި ފިލްމު އުފައްދަނީ ނޫސްވެރިޔާ ގްރިޝް ކުބަރު 2019 ވަނަ އަހަރު ލިޔުނު ފޮތް "ދަ ޓާޓާސް:ހައު އަ ފެމިލީ ބިލްޑް ބިޒްނަސް އެންޑް އަ ނޭޝަން" ގެ މައްޗަށެވެ. މީތި އުފެއްދުމަޓަކައި ޓީ ސީރީޒް ފިލްމްސާ އަލްމައިޓީ މޯޝަން ޕިކްޗާސް އިން މިހާރު ވަނީ މި ވާހަކަ ގަނެފައެވެ.

މިކަން އިއުލާނުކޮށް ޓީ ސީރީޒުން ބުނީ ޓާޓާ އާއިލާއާއި ބެހޭގޮތުން ލިޔެފައިވާ ވާހަކަ ގަތުމަކީ އެމީހުންނަށް ލިބޭ ފަޚްރެއް ކަމަށެވެ. އެ އާއިލާ އިން ވަނީ ގައުމު ބިނާކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފައި ކަމަށްވެސް ޓީ ސީރީޒުން ބުނެއެވެ.

މި ވާހަކައިގެ މައްޗަށް އުފައްދަނީ ފިލްމެއް ނުވަތަ ސީރީޒެއްކަމެއް އަދި އިއުލާނެއް ނުކުރެއެވެ. މީގެކުރިން އަޑުއަރާފައިވާ ގޮތުގައި މިއާއިލާގެ ވާހަކަތަކުގެ މައްޗަށް އުފައްދާނީ ސީރީޒެކެވެ.

ޓާޓާ އާއިލާއަކީ އިންޑިއާގެ ވިޔަފާރި އާއިލާއެކެވެ. މި ވިޔަފާރީގެ މައިގަނޑު ކުންފުންޏަކީ ޓާޓާ ސަންސް އެވެ.
މުމްބާއީގައި ވިޔަފާރި ހިންގާ މި އާއިލާއަކީ އިންޑިއާގެ ގުޖުރާތުން މުމްބާއީއަށް ހިޖްރަކޮށްފައިވާ ބައެކެވެ. އެމީހުންނަކީ އަސްލު ފާރިސީ ބައެކެވެ.

ޓާޓާ ގްރޫޕުން ހިންގާ މައިގަނޑު ވިޔަފާރިތަކުގެ ތެރޭގައި ކެމިކަލް، ކޮންސިއުމާ ޕްރޮޑަކްޓްސް، އިންޖިނިއަރިންގް ސާމާނު، ހަކަތަ އަދި އިންފޮމޭޝަން ސިސްޓަމް ހިމެނެއެވެ.