ޚަބަރު

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރަން ނިންމި ނިންމުން ބަދަލުކޮށްފި


ދައުލަތުގެ މިހާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް އިކޮނޮމިކް ކައުންސިލުން ނިންމަވައިފިއެވެ.

އިކޮނޮމިކް ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލީގެ ރޭޓްތައް ކުޑަ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް މިދަނީ ކުރިމަތިވަމުންދާއިރު މިފަދަ ކަންކަމުން ދިވެހިރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސް އޭގެ އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޚާއްޞަކޮށް ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ނޭދެވޭ އަސަރު ދައުލަތަށް ދަނީ ކުރަމުންނެވެ.

މިގޮތުން ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކުރާ މިންވަރު މިއަހަރުގެ ބަޖެޓްގައި އަންދާޒާ ކުރިވަރަށްވުރެ ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި، ދައުލަތަށް ލިބެމުންދާ އާމްދަނީއަކަށް ހުރަސް އެޅިދާނެފަދަ އެއްވެސް ފިޔަވަޅެއް އެޅޭކަށް ނޯންނާނެކަމަށާއި އެގޮތުން ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލު ނުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރިސޯޓުތަކުގެ ކުލި ކުޑަ ކުރަން ނިންމީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިންކަމަށާއި، އޭރު ރާއްޖޭގެ އިގްތިސާދުވެސް ދިޔައީ ވަރަށް ބާރަށް ކުރިއަރަމުންކަމަށެވެ. ނަމަވެސް އެ ނިންމުން އަނބުރާ ގެންދިޔައީ، ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތީގެ އަގުތައްވެސް ބޮޑުވަމުންދާތީ އެކަންކަމަށް ރިޔާއަތްކުރުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެއިތުރުން، ރަޝިޔާ އާއި ޔޫކްރެއިނަކީވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު ދެ މާކެޓަށް ވާއިރު، އެ ދެ ގައުމުން ފަތުރުވެރިން އައުން ވެސް ވަރަށް ބޮޑުތަނުން މަދުވެފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުން ވިދާޅުވީ ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަންކަމަށާއި އެސިނާއަތާ އެއްވަރަށް ކުރިއަރާފަދަ އެހެން ސިނާއަތެއް މިވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭ އަމްދަނީއަކީ އަހަރުން އަހަރަށް އިތުރުވާ، ދައުލަތަށް މުހިންމު އާމްދަނީއެއްކަމަށެވެ. އަދި އިސްލާހުގައި ހުށަހަޅާފައިވާ ގޮތަށް ރިސޯޓްތަކުން ނަގާ ކުލި ކުޑަކޮށްފިނަމަ ދައުލަތަށް ލިބޭ އަމްދަނީ ކުޑަވެ، ސިނާއަތަށްލިބެމުންދާ ކުރިއެރުމުގެ ފައިދާ ދައުލަތަށް ކުރާ މިންވަރު ކުޑަވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތު މެދު ރާސްތާއަށް ތަސައްވަރު ކުރެވޭ ގޮތުންނާއި، މެދުރާސްތާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2019 ވަނަ އަހަރު ހުރި މިންވަރަށް ދަށްވާނެކަމަށް އަންދާޒާ ނުކުރެވޭތީ، މެދުރާސްތާގައި ހުރި ފިސްކަލް ހިރާސްތައް ނުހަނު ބޮޑުކަން ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން ވަސީލަތްތައް މަދު ޤައުމުތަކުން ލިބޭ އަމްދަނީ އިތުރުކުރުން މުހިންމުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރިސޯޓްތަކުގެ ކުލީގެ %40 ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގައި ހިމެނޭއިރު ރިސޯޓްތަކުގެ ކުލީގެ ރޭޓްތަކަށް ގެންނަ ބަދަލުތަކަކީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ މިންވަރު ދަށްވާނެ ކަމެއްކަމަށްވެސް ސަރުކާރުން ބުނެއެވެ. އަދި މިކަމުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ހުރަސް އެޅޭނެކަންވެސް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ މިއަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް މި އަންނަމުންދާ ލޮޅުންތަކާއެކީ ދިވެހިރާއްޖޭގެ ފިސްކަލް ރާސްތާވެސް ވަނީ ބަދަލުވެފައިިކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓަށް ހުށަހެޅިއިރު އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ބެޑްނައިޓްސްގެ އަދަދު އިތުރުވާނެކަމަށް މިހާރު ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އަމްދަނީ، އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ބޮޑުތަނުން ކުރިއަރާނެ ކަމަށްވެސް މިހާރު ލަފާ ކުރެވޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.