ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށްކަމަށާއި، ދަރަނި ނުދެއްކޭނެ ވަރުގެ ހާލަތަކަށް ދިއުމުގެ އެއްވެސް ބިރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭނެސް އިބްރާޙިމް އަމީރް ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ދަރަނި ނުދެއްކޭނެ ފަދަ ހާލަތަކަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހިނގައިދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
މީޑިއާތަކާއި ބައްދަލުކުރައްވާ ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއްކަމަށްވާ ޖޭޕީ މޯގަންއިން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ނެރުނުކަމަށް ބުނާ ރިޕޯޓަކީ ރަސްމީ ސިފައެއްގައި ދިރާސާކޮށްގެން ނެރެފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ކަން ހިނގަމުންދާ ގޮތް ތަފާތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު އާރާސްތުވަމުން އަންނަ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ދަރަނިވެރި ވެދާނެފަދަ އެއްވެސް ހާލަތެއް މިވަގުތު ނެތްކަމަށާއި، އެއަށްވުރެ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުކަމަށެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ދަރަނި ނުދެއްކޭފަދަ ހާލަތަކަށް ދިއުމުގެ ބިރު ކޯވިޑް ތެރޭގައި ކުރިމަތިވިނަމަވެސް، އެފަހަރުވެސް ދައްކަންޖެހުނު ހުރިހާ ދަރަންޏެއް ސަރުކާރުން ދައްކާފައިވާކަމަށެވެ.
"ކޯވިޑް ޙާލަތާއެކު ރާއްޖޭގެ އިޤްތިޞާދަށް އެރި ލޮޅުމުގައި ދަރަނީގެ އެންމެ ބޮޑު "ރިސްކް"އެއް އޮތީ މިދިޔަ އަހަރު. އެއީ މިއަހަރުގެ ޖޫންއަށް ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް. ނަމަވެސް 2021ގެ ސްކޫކް ލައިބިލިޓީ މެނޭޖްމަންޓާއެކު، މީގެތެރެއިން 192 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާފައި. އަދި އިންޓްރެސްޓަރއެކު ބާކީ ދައްކަންޖެހޭ 62 މިލިއަން ރުފިޔާގެ ފަންޑުވެސް މިހާރު އެބަހުރި. އެ ފައިސާވެސް ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ދައްކާނެ" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރިކަމަށެވެ. އަދި މިހާރު ނަގާފައިވާ ދަރަންޏަށް ބަލާއިރު ދެން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރުކަމަށާއި، ނަމަވެސް އެ ފައިސާ ނުދެއްކިދާނެކަމުގެ އެއްވެސް ބިރެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް" އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ސިނާއަތްކަމަށްވާ ފަތުރުވެރިކަންވެސް ކޯވިޑްގެ ކުރިން އޮތް ހިސާބަށް ގެންދެވިފައިވާކަމަށެވެ. މިއާއެކު މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިވަގުތުވެސް ހުރީ 12 އިންސައްތަ އާއި 18 އިންސައްތައާ ދެމެދުގައިކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ދުވެލި 13 އިންސައްތައާއި 19 އިންސައްތައާ ދެމެދުގެ އަދަދަކުން މައްޗަށް ޖެހޭނެކަމަށް އެމްއެމްއޭއިންވެސް ލަފާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން އިޤްތިޞާދު ކުރިއަރުވަމުން ހުރަސްތަކެއް ހުރިނަމަވެސް ރާއްޖެއަކީ އިޤްތިޞާދީ ކާރިސާއަކުން އެންމެ ރަނގަޅަށް އަރައިގަނެވޭނެ ޤައުމެއްކަން ސާބިތުކޮށްދީފައިވާކަމަށެވެ.
އަމީރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު "ރިސްކް"އަކީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކަމަށެވެ. ނަމަވެސް މިކަމުގެ އަސަރު އާއްމު ރައްޔިތުންނާއި ހަމައަށް ފޯރިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަމަށް އަމީރް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރަޝިޔާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސްޓޮކާއި އަގަށް ކުރިމަތިވެދާނެ ލޮޅުމަކަށް ތައްޔާރުވުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި މައްސަލައާއި މެދު ރައީސުލްޖުމްހޫރިއްޔާއާއި ހަމައިންވެސް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ތެލުގެ އަގުބޮޑުވިނަމަވެސް ރާއްޖޭގެ ތަރައްޤީއަށް ހިންގާ އެއްވެސް މަޝްރޫޢުއެއް ހުއްޓާލަންޖެހޭ ޖެހޭ ޙާލަތަށް ނުދާނެކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާއި ފެނާ ނަރުދަމާފަދަ ބޮޑެތި މަޝްރޫޢުތަކަކީ ރާއްޖެއިން ބޭރުން ފައިސާ ޔަގީންވެފައިވާ މަޝްރޫޢުތައްކަން ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދާއި މާލީ ހާލަތާއި ގުޅޭގޮތުން ބިރު ގަންނަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ސަރުކާރުން ވިދާޅުވާއިރު، ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތައްކަމަށްވާ، އިންޓަރނޭޝަނަލް މަނިޓަރ ފަންޑު، އައިއެމްއެފް އަދި ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖޭގެ އިޤްތިޞާދަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަން ފާހަގަކޮށްފައެވެ. އަދި މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، އެތައް ގުނައެއް ބާރަށް ކުރިއަރައިގެންދާނެކަމަށް މާލީ އިދާރާތަކުން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ. މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ކޯވިޑަށްފަހު އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަކީ ކޯވިޑްގެ ހާލަތުގައި ރައްޔިތުންނާއި އިޤްތިޞާދު ސަލާމަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ.