ރިޕޯޓް

ފޭދޫ ޓީމްގެ އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުން، ހޯމް އެޑްވާންޓޭޖް


ރާއްޖޭގެ އަތޮޅުތަކުގެ ޗެމްޕިއަނުން ހޮވަން ކުޅޭ މިނިވަން 50 ޗެމްޕިއަންޝިޕްގައި ކުރިއަށް އޮތީ ފަހުބުރެވެ. ސެމީފައިނަލް ދެމެޗެވެ. ސެމީފައނަލްގައި އޮތް ހަތަރު ޓީމްގެ ތެރޭގައި އައްޑޫ ސިޓީގެ ފޭދޫ ޓީމް ހިމެނެއެވެ. ސެމީފައިނަލް ދެމެޗާއި، ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު ކުޅެނީ އައްޑޫ ސިޓީގައެވެ.ސެމީގައި އޮތް 4 ޓީމްގެ ތެރެއިން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ ފޭދޫ ޓީމަށެވެ. ޒޯން އަށެއްގެ ޗެމްޕިއަން ފޭދޫ ފުޓްބޯޅަ ޓީމްގެ ފަހަތުގައި މުޅި އައްޑޫ ސިޓީ އެބައޮތެވެ. ސަޕޯޓަރުން އޮތީ އެޓީމްގެއެވެ." ކޮންމެ ގޮތެއްވިޔަސް ހޯމް އެޑްވާންޓޭޖް އޮންނާނެ. މިއަދު ކުޅުނު ނަމަ އަދި މާފުރިހަމަވީސް، މިއަދަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮއްވަ، އަޅުގަނޑުމެންގެ މެޗު މާދަމާއަށް ލަސްވީ. މާދަމާއަކީ ސްކޫލް ދުވަހެއްވީމާ ސަޕޯޓަރުން ނެރުމުގަ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުންނާނެ. އެކަމަކުވެސް ސަޕޯޓަރުން އަންނާނެ. " ފޭދޫ ޓީމްގެ މެނޭޖަރ އަބުދުﷲ ނަސީރު ބުންޏެވެ.ސެމީފައިނަލް މެޗުތައް ފެށުން އެއްދުވަސް ލަސްވެގެންދިޔައީ އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އައްޑޫގެ ހުރިހާ މުއައްސަޞާތަކުން ސަޕޯޓަރުން ނެރުމަށް ވަރުގަދަ ޕްލޭންތަކެއް ހަދައި، މަސައްކަތްތަކެއް ކޮށްފައިވަނިކޮށެވެ. މެޗު ލަސްވިނަމަވެސް އެހެން ޓީމްތަކަށްވުރެ އެތައް ގުނައެއް ފޭދޫ ޓީމްގެ ސަޕޯޓަރުން ގިނަވާނެއެވެ. އެއީ ފޭދޫ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ." ހޯމް އެޑްވާންޓޭޖް ބޮޑު. ނަމަވެސް ފޯކައިދޫ ޓީމްގެ ކުޅުމެއް ނޭންގެ. ފެންވަރެއް ނޭންގެ. މީގެ ދެތިން އަހަރެއްކުރިން މާލޭގައި ވާދަކުރިކަމަށްވަނީ. އެހެންވީމަ އެޓީމަކީ މޮޅު ޓީމެއްކަން އެބައިނގޭ. އެވިސްނުމުގައި ނިކުންނާނީ. " އަބުދުﷲ ނަސީރު ބުންޏެވެ. ފޭދޫ ޓީމް ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު މިހާތަނަށް ބަލިވެފައިވަނީ އެއް މެޗުންނެވެ. އެއީ ފުރަތަމަ ބުރުގައި މަރަދޫފޭދޫ އަތުންނެވެ. ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖްގައި ފަރެސްމާތޮޑާއާ އެއްވަރުވިއެވެ. ސެމީއަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.ޓީމްގެ ފޯވާޑްލައިން ފިޔަވައި އެހެން ޑިޕާރޓްމަންޓްތައް ބަލަހައްޓާނީ ރަށާއި، އަތޮޅުގެ ކުޅުންތެރިންނެވެ. އައްޑޫ ސިޓީގެ ކުޅުންތެރިންނެވެ. ފޯވާޑްލައިން ލީޑްކުރާނީ ޤާނާގެ ފޯވާޑެކެވެ. އޭގެއިތުރުން ދެން ހުރީ ފުވައްމުލަކު ކުޅުންތެރިއެކެވެ. އެހެންކަމުން ޓީމް ބިނާވެފައި އޮތީ އައްޑޫ ސިޓީގެ ކުޅުންތެރިންނަށެވެ. އައްޑޫ ސިޓީގެ ބައެއް ކުޅުންތެރިން އެހެން ޓީމްތަކަށްވެސް ކުޅެއެވެ.ފޭދޫއަކީ އައްޑޫސިޓީގެ ފުޓްބޯޅައިގެ ގަދަބާރެވެ. ސިޓީގެ ގިނަ މުބާރާތްތައް ކާމިޔާބުކުރަނީ ފޭދޫގެ ޓީމްތަކެވެ. މީގެކުރިން އެއްފަހަރު މާލޭގައިވެސް ފޭދޫ ޓީމެއް ވާދަކުރިއެވެ. މިއީ ފޭދޫގެ އަދި އައްޑޫގެ ފުޓްބޯޅައިގެވެސް އެންމެ ބޮޑު ކާމިޔާބީ ލިބެން އޮތް އެންމެ ފަހު ފުރުޞަތެވެ.ފޯކައިދޫގެ ރައްޔިތުން ޓީވީއެމްގެ ޒަރީޔާއިން މެޗު ބަލާއިރު، އައްޑޫ ސިޓީގެ ގިނަ ރައްޔިތުން މެޗު ބަލާނީ މެޗު ކުޅޭ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. މެޗު ފަށާނީ މާދަމާ ހަވީރު 3:45 ގައެވެ.