ޚަބަރު

އެންމަޑި ފެންނަ އެހެން ފަޅެއް، ފަތުރުވެރިކަމަށް އަލި މަގެއް!


ދުނިޔޭގައިވެސް އެންމެ ގިނައިން އެންމަޑި ނުވަތަ މަންޓާ، އެއް ތަނަކު އެންމެ ދިގު މުއްދަތަކަށް ފެންނަމުންދާ އެއް މަންޒިލަކީ ބ.އަތޮޅުގައި އޮންނަ ހަނިފަރުބޭ ހިމެނޭ ސަރަހައްދެވެ.

ޖުމްލަކޮށް ބަލާނަމަ މުޅި ބ.އަތޮޅުން މި ދިރުންފެނެއެވެ. ހަމަ އެކަނި ހުޅަނގު މޫސުމުގައި ނޫނަސް ބ.އަތޮޅުން އެންމަޑި ފެނުމަކީ ޢާންމުކަމެކެވެ. ތަފާތަކީ ހުޅަނގު މޫސުން ނިމުމުން ހަނިފަރު ބޭއިން މަންޓާ ނުފެންނަކަމެވެ. އެހެންނަމަވެސް ރާއްޖޭގައި މިނޫން މިފަދަ އެހެން މަންޒިލެއް އޮތްކަން މިޙާރުވަނީ ދެނެގަނެވެފައެވެ.

ކަނޑުގެ ދިރުން ހިމާޔަތްކޮށް ބެލެހެއްޓުމަކީ ކުރިން ދިވެހިންގެ ތެރެއިން މަދުބަޔަކު ކުރަމުން އައިކަމެކެވެ. އަދި އެކަން ކުރުމަށް މާބޮޑެތި މަސައްކަތްތަކެއް ވެސް ކުރިން ކުރެވިފައެއް ނެތެވެ. %99 ކަނޑު އޮންނަ މިރާއްޖެގެ ކަނޑުން އެތައް ގޮތަކަށް ނަފާ ނެރެވޭނެކަން ކުރިން ގިނަބަޔަކަށް ނޭނގެއެވެ. ކަނޑުން ބާނާ މަސްކޮޅު ކިރައިގެން ނަފާ ހޯދުމަކީ ކަނޑުލިބޭ ހަމައެކި ރޯދިކަމަށް ދެކެމުން އައި ދިވެހިން ގިނައެވެ.

އެންމަޑިއަކީ ކިހާ މުހިންމު ދިރުމެއްކަމެއް ކުރިއަކުން ގިނަ ދިވެހިންނަށް ނޭނގެއޭ ދެންނެވިދާނެއެވެ. މީގެ މުހިންމުކަން ދިވެހިންގެތެރެއިން ގިނަބަޔަކަށް އެނގި ޢާއްމުވީ ހަނިފަރުބޭގެ ފޮޓޯތައް ޑްރޯން އާ އަންޑަ ވޯޓަރ ކެމެރާ ބޭނުންކޮށްގެން ނަގައި ސޯސަލް މީޑިއާގައި އެފޮޓޯތައް ދައުރުވާން ފެށުމުންނެވެ. ރާއްޖެއިން ޢާއްމުކޮށް މަޑި ފެންނަ ސަރަހައްދެއްގޮތުގައި ގިނަބަޔަކަށް އެނގިފައި އޮންނަ ހަމައެކަނި ސަރަހައްދަކީވެސް ހަނިފަރުބޭއެވެ.

ރާއްޖޭގައި އެންމަޑީގެ ދިރުން ޙިމާޔަތްކުރުމަށް މަސައްކަތްކުރާ "މަންޓާ ޓްރަސްޓް"އިން މިހާރުވަނީ މީގެ އެހެން މަންޒިލެއް ހޯދާފައެވެ. އެއީ ހދ.މަކުނުދޫ އޮންނަ ބޮޑު ފަޅެވެ. މަކުނުދޫ އަކީ އަތޮޅާ ވަކިން އޮންނަ 17 ކިލޯމީޓަރުގެ ބޮޑު ފަޅެއް ހިމެނޭ ރަށެކެވެ. އެސަރަހައްދުގައި މަޑި ކާން އަރާތަނެއް އޮންނަކަން އެނގުމުން އެތަން ދިރާސާ ކުރުމުގެ މަސައްކަތް "މަންޓާ ޓްރަސްޓް"އިން މިދިޔަ އަހަރު ކުރިއެވެ. ހަމައެކަނި މަކުނުދޫ ފަޅު އެކަންޏެއްނޫނެވެ. ހދ.އަތޮޅުގެ ބޮޑު ސަރަޙައްދެއްގައި މިދިރާސާ ކުރިއެވެ. މީގެތެރެއިން އެންމެ ގިނައިން މަޑިފެންނަ އެއް ސަރަހައްދަކަށްވީ މަކުނުދޫ ހިމެނޭ ބޮޑުފަޅެވެ.

މިދިރާސާއިން ދައްކާގޮތުން މަކުނުދޫ ކައިރީގައި އެންމަޑީގެ އާބާދީ އެހައި ބޮޑުކަމަކަށް ފާހަގަވެފައެއް ނެތެވެ. އެހެންނަމަވެސް އެސަރަހައްދު ޙިމާޔަތްކޮށް ބެލެހެއްޓިއްޖެނަމަ މަޑީގެ އާބާދީ ބޮޑުވާނެކަަމަށް "މަންޓާ ޓްރަސްޓް"އިން ދެކެއެވެ. މިތަން ދެނެގަތުމަށް އެސަރަހައްދުގައި ޑައިވިންކޮށް ޑްރޯންއާއި އެނޫންވެސް ވަސީލަތް ބޭނުންކުރިއެވެ.

މަކުނުދޫ މަސްވެރިން ބުނީ އަބަދުވެސް އެރަށު ފަޅު ތެރެއިން މަޑި ފެންނަކަމަށެވެ. އަބަދުހެން ފެންނަ މިދިރުމުގެ މުހިންމުކަމެއް ކުރިއަކުން އެމީހުންނަކަށް މާބޮޑަކަށް ނޭނގެއެވެ.

ކޮންމެއަކަސް މިފަދަ މުހިންމު ދިރުމެއް އެފަޅު ތެރެއިން ފެނުމުން މަކުނުދޫ ކައުންސިލުން މިވަނީ މިހާރު މިތަން ޙިމާޔަތްކުރުމަށް މަސައްކަތް ތަކެއް ފަށާފައެވެ. މިތަން ޙިމާޔަތްކޮށްފިނަމަ ލިބޭނެ ފައިދާއާއި މާލީ މަންފާ މިހާރު މަކުނުދޫ އެކައުންސިލަށްވެސް އެނގިއްޖެއެވެ. "މަންޓާ ޓްރަސްޓް"އިން މިދިރާސާ ހެދީ 7 މެންބަރުންގެ ޓީމަކުންނެވެ. އަދި މިކަމުގައި އެއް މަސްދުވަސް ވަނީ ހޭދަކޮށްފައެވެ.

މިތަން ދެނެގަނެވިފައިވަނީ މަކުނުދޫ މަސްވެރިންގެ އެހީތެރިކަމާއެކުގައެވެ. މިސަރަހައްދުން ގިނަ ޢަދަދެެއްގެ އެންމަޑިވަނީ ފެނިފައެވެ. އެއް މަސްދުވަހުގެ މި މުއްދަތުގައި ކައުންސިލާއި ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި އެރަށުގައިހުރި ސަރުކާރު މުއައްސަސާ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، މިކަމާ ބެހޭގޮތުން ހޭލުން ތެރިކަމުގެ ޕްރޮގްރާމްތައްވެސް "މަންޓާ ޓްރަސްޓް"އިން ވަނީ ހިންގާފައެވެ. މީގެއިތުރުން ސްކޫލްކުދިން ހޭލުންތެރިކޮށް އެކުދިންނަށް މިކަން ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

"މަންޓާ ޓްރަސްޓް"އިން ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން މަކުނުދޫ ރައްޔިތުންނަށް އެނގުނު އެންމެ މުހިންމުކަމަކީ މަޑިއަކީ ކިތަންމެ ބޮޑަސް ދަތް އަޅާ އެއްޗެއް ނޫންކަމެވެ. އަދި އެންމަޑި މޫދުގައި އުޅޭއިރު ގަސްތުގައި އައިސް މީހުންގެ ގައިގައި ނުޖެހޭނެކަމެވެ. އެހެންކަމުން މި ދިރުން ޙިމާޔަތްކޮށް ދިރުވުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫންކަމެވެ.

މި ރަށަކީ އަތޮޅުގެ އެހެން ރަށްތަކާ ވަކިން އޮންނަ ރަށަކަށްވިޔަސް މިތަން އިސްތިހާރު ކުރެވިއްޖެނަމަ ކުރިން ރަށަށް މީހުންނާންނަވަރަށް މީހުން އަންނާނެއެވެ. އެއީ މިދިރުން ބަލާލަން ބޭނުންވާ އެތައް ބަޔަކު އުޅޭތީއެވެ. އެއީ ރަށަށް ޢާމްދަނީ ލިބޭނެ އިތުރު މަގެކެވެ. މިއީ މި ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ލިބުނު ފުރުސަތެއްވެސް މެއެވެ. މިއީ ބ.އަތޮޅުން ތަޖުރިބާކޮށްފައިވާ ކަމެކެވެ.