ރިޕޯޓް

ފޯކައިދޫ ޓީމް އައްޑޫ ސިޓީއަށް އައީ ތަށި ބަލާ


ރާއްޖޭގެ ފުޓްބޯޅައިގެ ޓީމެއް މާތަފާތުބޮޑުކޮށް ބަލިވެއްޖެނަމަ، ނުވަތަ ޓީމެއްގެ ކޮޅަށް މާގިނަ ގޯލްތަކެއް ޖަހައިފިނަމަ މިސާލު ޖަހަނީ ފޯކައިދޫގެ ނަމުންނެވެ. އެއީ ފޯކައިދޫ ޓީމްތޯ ސުވާލުކުރެއެވެ. އެއީ ދިވެހި ފުޓްބޯޅައިގެ މިސާލުބަހަކަށް ވެއްޖެއެވެ." ތިޔަބޭފުޅުންނަށްވެސް އިނގޭނެ އެވާހަކަ. ފުޓްބޯޅައިގައި ފޯކައިދޫގެ ވާހަކަ މިހާރު އަންނަނީ ކިހިނެއްކަން. އެއީ ފުޓްބޯޅައިން ކުރިއެރުން ހޯދަން ފޯކައިދޫއަށް ލިބޭ ބޮޑު ހިތްވަރަކަށް މިހާރު ވެފައި އޮންނަނީ. " މިހާރުކުރިއަށްދާ މިނިވަން 50 ޗެމްޕިއަންޝިޕްގައި ފޯކައިދޫ ޓީމަށް އިރުޝާދުދޭ އަހުމަދު ޖަލީލް ބުންޏެވެ. ޖަލީލް އެއިޝާރާތްކުރީ 1980ގެ އަހަރުތަކުގެ ތެރޭގައި ވިލުފުށި ޓީމުން ފޯކައިދޫ ކޮޅަށް އެއް މެޗެއްގައި ޖެހި 19 ލަނޑުގެ ވާހަކައަށެވެ.މިއަދު އެއީ ފުޓްބޯޅައިގައި މުޅީން އެހެން ފޯކައިދޫއެކެވެ. ކާމިޔާބު ރަށެކެވެ. ށ.އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ޒޯން ދޭއްގެ ޗެމްޕިއަންޓީމެވެ. ރާއްޖޭގެ ރަށްތައް ނުވަަތަ އަތޮޅޫތަކުގެ ތެރެއިން އެންމެ މޮޅު 4 ޓީމްގެ ތެރެއިން އެއް ޓީމެވެ. އެޓީމް މިހާރު އެއޮތީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައެވެ. ޒޯން ދޭއްގެ ހުރިހާ ރަށްތައް ތަމްޘީލްކުރަން އެޓީމް ފޯކައިދޫގެ ޓީމް އެއޮތީ އައްޑޫސިޓީގައެވެ. " އަޅުގަނޑުމެން މިނަތަށް އައިސްމިތިބީ ތަށި ބަލާ. ތަށި ހޯދަން. އެއަޒުމުގައި، އެކަމަށް ތައްޔާރުވެގެން މިތިބީ. އިރާދަކުރެއްވިއްޔާ އެކަން މިޓީމަށް ވާނެ. " އައްޑޫ ސިީގައި ކުރިއަށްގެންދިޔަ ޕްރެކްޓިސްގެ ތެރެއިން ޓީމްގެ ކުޅުންތެރިންނަށް އިޝާރާތްކޮށް 1995 ވަނަ އަހަރުން ފެށިގެން ފޯކައިދޫގެ ފުޓްބޯޅައަށް ޚިދުމަތްކުރަމުން އަންނަ އަހުމަދު ޖަލީލް ބުންޏެވެ. ޓްރޭނަރެއްގެގޮތުގައި ބޮޑަށް ފާހަގަވެފައިވާ ޖަލީލް ނުވަތަ ޖައްލެ އަކީ ކުރިން ނިއުރޭޑިއަންޓްގައިވެސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެެވެ.ފޯކައިދޫ ޓީމަށް ކާމިޔާބުލިބުމަށް މުޙިއްމު ސަބަބުތަކެއްވެސް ވެއެވެ. ޖައްލެ ފާހަގަކުރާގޮތުގައި މިއަދު އެޓީމް އޮތް ހިސާބަށް އާދެވުމުގައި އަދި ދެން އޮތް މަރުހަލާ ކަޑައްތުކުރުމުގައިވެސް އެސަބަބުތައް މުޙިއްމުދައުރެއް އަދާކުރާނެއެވެ." މިއީ ވަރަށް ޑިސިޕްލިންގ ޓީމެއް. މިޓީމްގެ ފަހަތުގައި މުޅި ފޯކައިދޫ އެބައޮތް. ރަށުގެ އާބާދީގެ ތެރެއިން ރަށުގައި އުޅޭ ބާރަސަތޭކައެއްހާ މީހުންގެ ތެރެއިން ނުވަސަތޭކައެއްހާ މީހުން ކޮންމެ ދުވަހަކު އަވޭ މެޗުތައް ބަލަންއެބަދޭ. ވަރަށް ރަނގަޅު ފޯރިއެއް ފޯކައިދޫގައި އެބައޮތް. އެމީހުންގެ ހެޔޮދުއާއާއެކު ޓީމް މިހާސާބަށް މިއައީ. ޓީމްގެ ކުޅުންތެރިންގެ ޑިސިޕްލިންގއާއި ހިތްވަރު ދެން އޮތްކަމަކީ. " ޖައްލެ ބުންޏެވެ.މިނިވަން 50 ޗެމްޕިއަންޝިޕް ސެމީފައިނަލްގައި މާދަމާ އައްޑޫ ސިޓީގެ ފޭދޫއާއި ދެކޮޅަށް ނިކުންނައިރު ޓީމަށް އޮތް ގޮންޖެހުންވެސް ކުޑައެއްނޫނެވެ. މާދަމާގެ މެޗަކީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ފޯކަދިއޫ ކުޅޭ ފުރަތަމަ މެޗެވެ. އިދިކޮޅަށް ނިކުންނަ ފޭދޫ ޓީމް ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއްވެސް ކުޅުނީ އެސްޓޭޑިއަމްގައެވެ. " އައްޑޫ ސިޓީގައި އައްޑޫ ސިޓީއާއި ދެކޮޅަށް ކުޅެން މިޖެހެނީ. އެއީ ގޮންޖެހުމެއް. އެކަމަކު ހިތްހަމަޖެހުމަކީ އައްޑޫ ސިޓީގެ ރައްޔިތުން ފިޔަވައި ދެން ރާއްޖޭގެ ހުރިހާ ރަށްރަށެެއް، އަތޮޅުތަކެއް އޮންނާނީ ފޯކައިދޫގެ ފަހަތުގައިކަން ޔަޤީން. " ކޯޗު ބުންޏެވެ.މުބާރާތުގައި ވާދަކުރާ ފޯކައިދޫ ޓީމަކީ އެރަށަށް ނިސްބަތްވާ ކުޅުންތެރިންގެ މައްޗައް އެކުލެވިގެންވާ ޓީމެއްކެވެ. ރަށުން ބޭރު ތިބީ ދެކުޅުންތެރިއެކެވެ. މިއީ ޓީމަށް އޮތް ހިތްހަމަޖެހުމެކެވެ. އިތުރު ހިތްވަރެކެވެ. މީގެކުރިންވެސް އަތޮޅު މުބާރާތާއި ޒޯން މުބާރާތްވެސް ކާމިޔާބުކޮށް، މާލެބުރުގައިވެސް ވާދަކޮށް ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ތަޖުރިބާވެސް ހޯދާފައިވާ ފޯކައިދޫ ޓީމް މާދަމާ ސ.ފޭދޫ ޓީމާއި ދެކޮޅަށް ކުޅޭ މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެެވެ.