ކުޅިވަރު

މާޒިޔާ ބަލިކޮށް އޭޓީކޭ ދެވަނަ ބުރަށް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ޑީގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ދެވަނަ ބުރަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މާޒިޔާ އަތުން މޯހަން ބަގާން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރުވެސް މާޒިޔާ ވަނީ މުބާރާތުން ކަޓާފައެވެ. އެއީ އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އެފްސީގެ މައްޗަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް 2-1 ގެ ނަތީޖާއަކުން ކުރިހޯދުމާއެކުގައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާގެ ކުޅުންތެރިންނަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި މޯހަން ބަގާނުން ލީޑު ނެގީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯނީ ކައުކޯއެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ކައުކޯ ވަނީ އިތުރު ލަނޑެއް ޖަހައި، މޯހަން ބަގާންގެ ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ދިން ބޯޅއަކިން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަނާ ޑޮމިންގޭޒެވެ.

މި މެޗުގެ ދެވަނަ ހާފުގައި މޯހަން ބަގާނުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން ރޯއީ ކްރިޝްނާ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 58 ވަނަ މިނެޓުގައި މޯހަން ބަގާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުބާސިޝް ބޯޝްއެވެ.

މި މެޗުގައި މޯހަން ބަގާނުން ޖެހި ފަހު ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާލް މެކްހުގެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ކޯނޭ ނަގައިދިން ހުރަހަކުން ޓަނާ ވަނީ މާޒިޔާއަށް ލަނޑެއް ޖަހައިދީފައެވެ.

މި ނަތީޖާއާއެކު ދެވަނަ ބުރަށް މޯހަން ބަގާން ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. އެގޮތުން ގްރޫޕް ޑީގެ އެއްވަނައަށް ދިޔަ މޯހަން ބަގާން އާއި ދެވަނައަށް ދިޔަ ބަޝުންދަރާއަށް ލިބުނީ ހަ ޕޮއިންޓެވެ. އޭމޯހަން ބަގާނަށް ކުރި ލިބުނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތިންވަނައިގައި ނިންމާލި މާޒިޔާ އާއި ފުލުގައި އޮތް ގޯކުލަމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މާޒިޔާއަށް ކުރި ލިބުނީވެސް ހެޑް-ޓު-ހެޑް ގަވާއިދަށް ބަލައިގެންނެވެ.