މުނިފޫހިފިލުވުން

"ނިކަމްމާ" ގެ ޓްރެއިލާއަށްފަހު ލަވައެއް


2017 ވަނަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "އެމްސީއޭ-މިޑްލު ކްލާސް އަބޭ" ގެ ހިންދީ ރީމޭކް "ނިކަމްމާ" ގެ ޓްރެއިލާ ނެރެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާރު އަނެއްކާވެސް މިވަނީ ފިލްމުގެ ލަވައެއްގެ ޓްރެއިލާއެއްވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ބޮލީވުޑް ތަރި ޝިލްޕާ ޝެޓީގެ އެނބުރި އައުމެއްގެ ގޮތުގައި ބަލާ މި ފިލްމުގެ ލަވައިގެ ޓީޒާ ފުރަތަމަ ދޫކޮށްލާފައިވަނީ ޝިލްޕާ އޭނާގެ އިންސްޓަގްރާމްގައެވެ. ޒީ މިޔުޒިކް ކޮމްޕެނީގެ ޔޫޓިއުބް ޗެނަލުން މި ލަވަ ދައްކާލީ އިއްޔެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގައި ޝިލްޕާގެ އިތުރުން "މީނާކްޝީ ސުންދަރޭޝްވަރު" ފިލްމުގައި ފެނުނު އަބީމަންޔޫ ދަސާނީ އާއި ސިރުލޭ ސޭތިއާވެސް ފެންނާނެއެވެ.

އެ ފިލްމަކީ އެކްޝަން ކޮމެޑީއެކެވެ. ސާބިރު ޚާން ޑައިރެކްޓްކުރާ މި ފިލްމަކީ ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމަކީ 2019 ގައި އިއުލާންކުރި ފިލްމެކެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ހެދި، ފިލްމު ވަރަށް ބޮޑަށް ލަސްވީ އެވެ.