ޚަބަރު

ރައީސްގެ އަނބިކަނބަލުންގެ އަރިހަށް، ޑަބްލިޔުއެޗްއޯގެ މަންދޫބް ޒިޔާރަތް ކުރައްވައިފި


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބާ ބައްދަލުކުރައްވައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން "ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް" ގެ ނަމުގައި ވަރޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންއަށް ފުރުޞަތު ދެއްވާފައިވާތީ އެކަމަނާ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޑަބްލިއު.އެޗް.އޯގެ މަންދޫބާ ފަޒްނާ ވަނީ ދެފަރާތުން އިސްކަންދެއްވާ މުހިންމު ކަންކަމާއި ކުރިޔަށް އޮތްތާންގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ދިވެހި މުޖުތަމަޢުގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން މުޤައްރަރުގައި މިކަންކަމާބެހޭ މަޢުލޫމާތު ހިމެނުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މުޖުތަމަޢުގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައިވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީ މައްސަލައާ ހުރި ގުޅުންތައް ފާހަގަކުރައްވަމުން މި މައްސަލަތައް ޙައްލުކޮށް ފިޔަވަޅު އެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ޑަބްލިއު.އެޗް.އޯގެ މަންދޫބު ފާޅުކުރެއްވިއެވެ. ޑަބްލިއު.އެޗް.އޯގެ މަންދޫބު ވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އަދި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނާއި ހަމައަށް މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.