ޚަބަރު

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭ މަޝްވަރާތަކަށް އިސްލާމިކް މިނިސްޓަރ ތުރުކީއަށް


ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފިއެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓަރ ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސް އާއި ބައްދަލު ކުރައްވާ ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، ތުރުކީގެ ޙަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީގެ މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު ޢަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ ޢަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް ޢަޒީޒް އިސްމާޢީލް ބައިވެރިވެ ވަޑައިގެންނަވައެވެ.