ޚަބަރު

21 ބައި-އިލެކްޝަނަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފި


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ޖެހުނުފަހުން މިހާތަނަށް 21 ބައި-އިލެކްޝަނެއް ބާއްވަންޖެހި، ޚަރަދުތައް ބޮޑުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާޅުކޮށްފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދެއްވާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލްމަހު ބޭއްވި އެ އިންތިޚާބަށްފަހު މިހާތަނަށް 21 ބައި އިލެކްޝަނެއް ބާއްވާފައިވާކަމަށާއި، އެ އިންތިޚާބުތަކަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މަހެއްގެ މައްޗަށް ތިނެއް ނުވަތަ 4 މަޤާމު ހުސްވާކަމަށެވެ. އަދި އެ މަޤާމުތަކަށް މެންބަރުން އިންތިޚަބުކުރުމަށް ބާއްވާ ކޮންމެ ބައި-އިލެކްޝަނަކަށް ދޮޅު ލައްކަ ރުފިޔާ ޚަރަދުވާކަމަށާއި، ބަޖެޓު ލިބުމުގައި ދަތިތަކެއް ހުރިއިރު، އިންތިޚާބުތައް ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވެ އިދާރީ ބޭނުންތަކަށް ހުރި ބަޖެޓު ބޭނުންކުރާކަމަށް ފުއާދު ވިދާޅުވިއެވެ.

އިންތިޚާބު ބޭއްވުމަށް އިތުރު ބަޖެޓެއް ނުލިބުނުނަމަވެސް އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ތިންގުނަ އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ފުއާދު ފާޅުކުރެއްވިއެވެ. އަދި އަވަސް އަވަހަށް އިންތިޚާބު ބޭއްވުމަށް ހައްލެއް ނުލިބިއްޖެނަމަ އަންނަ ޖުލައި މަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓު ހުސްވާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ކުރަންޖެހޭ އެތައް ކަމެއް ބަހައްޓަފައި މި މަސައްކަތްކުރަންޖެހެނީ ބައި އިލެކްޝަންތައް ބޭއްވުމަށްޓަކައި. އެހެންވީމަ މިވަގުތު އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް މި އޮތް މިސްރާބާ ދޭތެރޭ. އެއްކޮޅުން ޚަރަދު ކުޑަކުރަންޖެހޭއިރު، އަނެއްކޮޅުން ޚަރަދު ބޮޑުގޮތަށް ކަންތައްތަކެއް މިހުރީ." ކަންބޮޑުވުމާއެކު ފުއާދު ވިދާޅުވިއެވެ.

މި މައްސަލައަށް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، 2021 ވަނަ އަހަރު 11 ބައި-އިލެކްޝަން ބާއްވާފައިވަކަމަށާއި، މިއަހަރުގެ މިހާތަނަށް 10 ބައި-އިލެކްޝަން ބާއްވާފައިވާކަަމަށެވެ. އަދި އަންނަ ޖޫން މަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުމަށް އިއުލާންކުރި ފަހުންވެސް އިތުރު ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީގެ މަޤާމު ހުސްވެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

"މިދާރޭޓުން ދާކަމަށްވަންޏަ ދައުލަތުގެ ޚަރަދު އަދި އިލެކްޝަންސް ކޮމިޝަނަށް ދީފައި އޮތް ބަޖެޓް ހުސްވާނެ ޖުލައި މަހުގެ ނިޔަލަށް. ލޯކަލް ކައުންސިލް އިންތިޚަބަށްފަހު 2.4 މިލިއަން މިހާރު ޚަރަދުވެއްޖެ. އަދި މި އަދަދު މިހާ ކުޑަވެގެން މިދަނީ ބައެއް ފަހަރަށް އަޅުގަނޑުމެން އިންތިޚާބަށް އިއުލާންކުރީމަ އެންމެ މީހެއް ކުރިމަތިލައިގެން އެތާ އިންތިޚާބު ބާއްވަން ނުޖެހިވެސް އެބަދޭ." އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުތައް އަވަސް އަވަހަށް ބާއްވަން ޖެހުމުން ބޮޑު ޚަރަދެއް ކުރަންޖެހޭތީ ޤާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާލުވިއެވެ. އެގޮތުން ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ޤާނޫނު ތަރުތީބުކޮށްދިނުމަށް ބަންޑާރަ ނާއިބުގެ އަރިހުގައި އެދިވަޑައިގެންފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ބޮޑުކޮށްފައެވެ. ނަމަވެސް އެކަމަށް ހައްލެއް އައިސްފައި ނުވާތީ އެކަމަށް ގެނެވޭނެ ހައްލުތައް ދެނެގަތުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ކުރަމުންނެވެ.