ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާ ފައްޔާޟު ހަވާލުވެއްޖެ


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވެފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް، އެމަޤާމާ ޙަވާލުވެ ވަޑައިގެންފިއެވެ.

ފައްޔާޟު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު މިއަދު ވަނީ އެމްޑީޕީގެ ސެކެޓްރިއޭޓްގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕާޓީގެ އެކި މަޤާމުތައް ފުރުއްވަމުންދާ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން އެމްޑީޕީ ޗެއާޕާސާންގެ ނައިބް އިދާރީ އަލީ ނިޔާޒު ވިދާޅުވީ، މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާއި، ކުރިއަށް ރާވައި ހިންގުމަށް ހުރި ކަންކަމާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި އިތުރު ކޮމެޓީތައް އުފެއްދުމާގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވެފައިވާ ފައްޔާޟުގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބު ވެފައިވާ ރޮޒޭނާ އާދަމްވެސް ވަނީ މިއަދު މަޤާމާއި ހަވާލުވެވަޑައިގެން ޕާޓީގެ ސެކެރެޓޭރިއޭޓްގެ ވެރިންނާ ބައްދަލު ކުރައްވާފައެވެ.

ޗެއާސަންގެ މަޤާމު ފައްޔާޟު ކާމިޔާބުވީ 7،000 ވޯޓުގެ ތަފާތުންނެވެ. މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،406 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ. ޖުމްލަ 48،583 މީހަކު ވޯޓްލާފައިވެއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކާމިޔާބުކުރައްވާ މިނިސްޓަރ ފައްޔާޟް ވަނީ އެންމެ އިސްކަމެއް ދެއްވާނީ ޕާޓި ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށް ވިދާޅުވެފައެވެ.

ފައްޔާޟު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު ވަނީ ފައްޔާޞަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ފައްޔާޟް އިސްމާއިލު ހިންގުމުގެ ތަޖުރިބާއާ އެކު އެމްޑީޕީއާއެކު ކުރިޔަށް ގޮސް 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެކަމަުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ވާދަވެރި އިންތިޚާބުގައި ފައްޔާޟްއާ ވާދަކުރެއްވި އިންތިއަށް ތާއިދުކުރައްވާ ބަހުގެ އެކި ހަމަލާތައްވެސް ދެއްވި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ފައްޔާޟް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.