ޚަބަރު

ވާހަކަދެއްކުމުގެ މުބާރާތުގެ މަތީ ސާނަވީއާއި ދަށު ސާނަވީ ބައި ނިމިއްޖެ


އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ މަތީ ސާނަވީ އަދި ދަށު ސާނަވީ ބައި ނިމިއްޖެއެވެ.

ވާހަކަ ދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގެ ބައިވެރިން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އެގޮތުން ފޯމް ހުށަހެޅުމުގެ އެންމެ ސުންގަޑިއަކީ މިމަހުގެ 30ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިންނެވެ.

4 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގައި ސްކޫލްތަކުގެ ބައި، މަތީ ތަޢުލީމުގެ ބައި، އަމިއްލަ ފަރާތްތަކުގެ ބައި އަދި އޮފީސް، ކުންފުނި، ކްލަބް، ޖަމިއްޔާ ޖަމާޢަތްތަކުގެ ބައި ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމަވުން ދިވެހި ބަހުގެ އެކަޑަމީއިން ބުނީ ސްކޫލްތަކުގެ ބައިން މަތީ ސާނަވީ އަދި ދަށު ސާނަވީ ބައި މިހާރު ނިމިފައިވާކަމަށެވެ. އަދި މިމުބާރާތުގައި ހިމެނޭ އޮފީސް، ކުންފުނި، ކްލަބް، ޖަމިއްޔާ ޖަމާއަތްތަކަށް ޙާއްސަކޮށް ކުރިއަށްދާ ބަހުސްކުރުން ވެސް ނިމިފައިވާކަމަށް އެ އެކަޑަމީއިން ބުނެއެވެ. އަދި ދެން ކުރިއަށް އޮތީ ސާނަވީ ބައި ކަމަށާއި މިބައި ކުރިއަށްދާނީ އަމިއްލަ ފަރާތްތަކުގެ ބަޔާއި އެކީކަމަށް އެ އެކަޑަމީއިން ބުނެއެވެ.

ސާނަވީ އުމުރުފުރާއާއި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔަށް ޚާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ތާރީޚާއި ތަރިކަ، އިޤްތިޞާދު، އަދި އިޖްތިމާއީ ވެއްޓާގުޅުންހުރި މައުޟޫޢުތަކެވެ.

މުބާރާތް ކުރިއަށްދާ ގަޑިތައް

  • މެންދުރު 13:00 އިން 15:00 އަށް
  • ހަވީރު 16:00 އިން 18:00 އަށް
  • ރޭގަނޑު 20:00 އިން 22:00 އަށް

ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން މުބާރާތް ނުބޭއްވި ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މިއަހަރު ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތް ފަށާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މިމުބާރާތް ކުރިއަށްދަނީ ޕޮލިޓެކްނިކްގެ ޖަލްސާކުރާ މާލަމުގައެވެ.