ޚަބަރު

ނާހީ، ކުރިން ވެލާ ގެންގުޅެވުނީތީ ހިތާމަކުރަމުން މިހާރު ވެލާގެ ޙިމާޔަތުގައި!


ކޮންމެ އަހަރެއްގެވެސް މޭމަހުގެ 23ވަނަ ދުވަހަކީ "ވޯލްޑް ޓާޓުލް ޑޭ" ނުވަތަ ދުނިޔޭގެ ވެލާ ކަހަނބުގެ ދުވަހުގެގޮތުގައި ފާހަގަ ކުރާ ދުވަހެކެވެ. ބައިނަލް އަގުއާމީގޮތުން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުކަމަށް ވުމާއި އެ ސޮރުމެންގެ ވެށިތަކަށް އިންސާނުން ދެމުންދާ ގެއްލުންތަކާމެދު މީހުން ހޭލުންތެރިކުރުމުގެ ހެޔޮ ނިޔަތުގައެވެ.

ކޮންމެއަކަސް މިކަމަކީ މިހާރު ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި ކުރާކަމެކެވެ. ވެލާ ކަހަނބު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގުއާމީ ޖަމްއިއްޔާ، ޖަމާއަތްތަކުން މިދިރުމުގެ މުހިންމުކަން ދިވެހިނަށް ކިޔައިދީ ފޯރުކޮށްދޭންވެސް މިހާރު ވަނީ ފަށާފައެވެ. އަދި މިދިރުމުގެ ކަންކަން ތަޖުރިބާ ކުރަން ފުރުސަތުވެސް ދިވެހިންނަށް އަންނަނީ ދެމުންނެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މިމަސައަކަތް ކުރަނީ ބ.އަތޮޅު ކޮކޯޕާމް ދުނިކޮޅު ރިސޯޓްގައި މަސައްކަތް ކުރާ އިނގިރޭސިވިލާތުގެ ޖަމްޢިއްޔާއެއްކަމަށްވާ އޮލިވް ރެޑްލީ ޕްރޮޖެކްޓުންނެވެ. މި ޖަމްއިއްޔާ ނޫނަސް ވެލާގެ ދިރުން ހިމާޔަތްކުރުމަށް ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެތަންތަނާ ހިލާފަށް ދިވެހިނަށް މިފުރުސަތު ފަހިކޮށްދޭ ހަމައެކަނި ފަރާތަކީ އޯއާރުޕީކަން ފާހަގަކުރެވެއެވެ.

މި ރިޕޯޓުގައި މި ބަލާލަނީ މިކަން ތަޖުރިބާކޮށް އެދާއިރާއިން ކިޔަވަމުންދާ ލ.މާބާއިދުއަށް އުފަން ޢުމުރުން 18 އަހަރުގެ ނާހީ ފައުޒީގެ ތަޖުރިބާއަށެވެ.

ނާހީ ކުޑައިރު ކުދި ވެލާ ގެންގުޅުނެވެ. އެވެލާތައް އެގޮތަކަށްވެސް ބޮޑުވަމުންދާތަން ނުފެނުމަކީ އޭނާ ހައިރާންވިކަމެކެވެ. ވެލާ ބޮޑުވަނީ ކަނޑުގެ އަޑީގައި އޭގެ ފިޔަގަނޑުން ބާރަށް ފެތުމުންކަން ނާހީއަށް އެނގުނީ މިސެންޓަރުގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. ގެންގުޅެން ކިތަންމެ ރީތިވިޔަސް މި ދިރުން ބޮޑުނުވާ މައިގަނޑު ސަބަބު އެނގުނީވެސް މިސެންޓަރުގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މިހާރު އެކަމާ އޭނާ ދެރަވެއެވެ. އެއީ އެދިރުމަކީ ކިހާ މުހިންމުދިރުމެއްކަން އެނގި އޭތި ހެދިބޮޑުވުމަށް ހުރަސް އެޅުނީތީއެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް އެސެންޓަރަށް ގޮސް ވެލާތައް ފެނިފައި ވަރަށްދެރަވި އަދި ކުރިން ކުދިވެލާ ހިފައިގެން ގެންގުޅެވުނީތީ ވަރަށް ދެރަވޭ މީއެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނާހީ ބުންޏެވެ.

މިތަޖުރިބާ ޙިއްސާ ކުރަމުން ނާހީ ބުނީ މީ ރައްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ވަރަށް މުހިންމު ދިރުމެއްކަމަށެވެ. ވެލާ ހިފައި އޭގެ ބިސްނަގާ މަސްތައް ނަގާ އޭގެ ބަނޑުތެރޭގައި ހުންނަ ސަރުބީތައް ކައްކައިގެން ކައި ހަދާއިރު އެ ދިރުމަކީ ކިހާ މުހިންމު ދިރުމެއްކަމެއް އެކަކަށްވެސް ނޭންގެއެވެ. އަދި އެއީ ރާއްޖޭގެ ކަނޑުތަކުން މަދުވަމުންދާ ދިރުމެއްކަން އެނގެނީ ވަރަށް މަދުބަޔަކަށެވެ. ވަކިން ޚާއްސަކޮށް ޒުވާނުން އެކަމަކީ އެހާބޮޑަށް ވިސްނާވެސް ކަމެއް ނޫންކަަމަށް އޭނާއަށް ފާހަގަވެފައިވަކަމަށް ނާހީ ބުންޏެވެ. މީ ހިމާޔަތްކޮށްފައި އޮންނަ ދިރުމެއްކަން ނޭނގޭ ދިވެއްސެއް މިހާރު މަދުވާނެއެވެ.

އެންމެ ފުރަތަމަ އޭނާ ދިން ޖަވާބުންވެސް އޭނާ މިދިރުން ޙިމާޔަތްކުރުމަށް ނުވަތަ އެދިރުމުގެ މުހިންމުކަން ޢާންމުންނަށް އަންގައި ދިނުމުގެ އަޒުމެއް ހުރިކަން ފާހަގަކުރެވުނެވެ.
ނާޙި އަކީ އެމް.އެން.ޔޫ ގައި ބެޗްލަރ އޮފް ސައިންސް ކިޔަވަމުންދާ ދަރިވަރެކެވެ. އޮލިވް ރެޑްލީ ޕްރޮޖެކްޓުން ހުޅުވާލި 5 މަސްދުހުގެ އިންޓާރންޝިޕަށް ކުރިމަތިލީ ވަރަށް ބޮޑު އުންމީދަކާ އެކުގައެވެ. އެއީ މިދާއިރާއިން ކުރިއަށް ދިއުމަށް މަގު ފަހިކުރުމަށާ މި ދިރުމަށް ގެއްލުން ދޭ ފަރާތްތަކަށް އެކަން އަންގައިދިނުމުގެ ބޭނުމުގެ އިތުރުން އެއިން ތިމާވެއްޓަށާއި ފަތުރުވެރިކަމަށް ލިބޭ ފައިދާ އަންގަދިނުމުގެ ބޭނުމުގައެވެ. ނާޙިގެ އަމާޒު ހުރީ މިހާރު ކިޔަވަމުންދާ ދާއިރާ އިން ކުރިއަށްގޮސް މެރިން ސައިންސްގެ ދާއިރާއިން ދެވެންއޮތް އެންމެ މައްޗަކަށް ދިއުމެވެެ.

މެރިން ސައިންސްގެ ދާއިރާއަކީ ދިވެހިން މާ ގަޔާވާ ދާއިރާއަކަށް ނުވެއެވެ. އެކަމު މިއީވެސް ކުރިމަގު އޮތް ދާއިރާއެއްކަން މިކަން މިހާރު ތަޖުރިބާކުރާ ދިވެހިން ބުނެއެވެ. މިދާއިރާގެ ޑޮކްޓަރުން ތިބޭކަންވެސް ގިނަ މީހުނަށް ނޭނެގޭކަމަށް ނާހީ ބުންޏެވެ.

ނާހީ އެންމެ ފުރަތަމަ މަސައްކަތް ފެށީ އެ ޖަމްއިއްޔާއިން ލ.އަތޮޅުގައި އޮންނަ ސިކްސެންސަސް ގައެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ އެސެންޓަރުގެ މައި އިދާރާ ހުންނަ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގައެވެ.

ތިމާގެ މައިންބަފައިން ބަލި އެނދުގައި ނުވަތަ ތިމާގެ ދަރިއަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައީމާ ފަރުވާ ދޭގޮތައް ފަރުވާދީ ގަނޑިން ގަޑިއަށް ބޭސް ދީފައި އޭގެ އަސްލު މާހައުލަށް ދޫކޮށްލުމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. ވެލާ ހިފުމަކީ މަނާކަމެއްކަން އެނގިތިބެ އެދިރުން މަރައި ކައިހަދާއިރު އެ ކަތިލާއިރު އިންސާނެއްގެ ލޮލުން ކަނރުނަ ފައިބާހެން އޭތީގެ ލޮލުން ކަރުނަ ފައިބާތަން ފެންނަައިރުވެސް ހަމަ އެއްވެސް އަސަރެއް ނުކުރޭތޯއެވެ. ނާހީ ގެ ފަހުބަހަކީވެސް މިއީއެވެ.