ޚަބަރު

މަޓާޓޯގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 4ވަނަ ދުވަހު


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖްންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާ އަންނަ މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މަޓާޓޯއިން ބުނީ އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ބާއްވާ މި ޖަލްސާގައި ކުރިއަށްއޮތް 2 އަހަރުދުވަހަށް ހިންގާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނެ ކަމަށެވެ.
ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، ރާއިސްގެ މަޤާމަށާއި، ނާއިބް ރައީސުންގެ ގޮތުގައި 2 މަޤާމާއި، ޚަޒާންދާރުގެ މަޤާމުގެ އިތުރުން، ހިންގާ ކޮމިޓީ މެންބަރުންގެ ގޮތުގައި 5 މަޤާމަށެވެ.

އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 3ގެ ކުރިން ފޯމް ހުށަހެޅުމަށް މަޓާޓޯއިން އެދެއެވެ.

އަދި މި ޖަލްސާއަށް ވަޑައިގަންނަވާ ކުންފުނިތަކުން "ޢާއްމު ޖަލްސާ"އަށް މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށްވެސް އެ އެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.