ޚަބަރު

މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕްގައި ބީއެމްއެލް ޕޭ ވޮލެޓްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ވިދާޅުވީ މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތްާއި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ޚިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ. އަލަށް ތައާރަފްކޮށްފައިވާ މި ޚިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން ޢާއިލާއާއި ރަޙުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށްވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.

"މިއަދު ގެނެވުނު ބަދަލަތަކާއެކު މޮބައިލް ބޭންކިންގ އެޕް އަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް. މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިންގ މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް. މިފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިންގ ހިދުމަތެއް ދިނުން." "ޓިމް ސޯޔަރ ވިދާޅުވިއެވެ.

2015ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ %90 ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރާކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.