ކުޅިވަރު

މާޒިޔާއިން ފަހު ވަގުތާ ހަމައަށް ހިތްވަރުކުރާނަން: ޖެސިކް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ޑީގެ އެއްވަނަ ހޯދައި، ދެވަނަ ބުރުން ޖާގައެއް ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މިއޮޑްރަގް ޖެސިކް ބުނެފިއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް އަތުން އެ ޓީމު ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ހޮނިހިރު ދުވަހުގެރޭ ގޯކުލަމްއާ ދެކޮލަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޖެސިކް ބުނީ އެ ގްރޫޕުގެ މެޗުތަކުގެ ނަތީޖާއަށް ބަލައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ދާނެ ކަމުގެ ޔަގީންކަން ނުދޭނެ ކަމަށެވެ. އެކަމަކު ފަހު ވަގުތާ ހަމައަށްވެސް ނަތީޖާ ނެރެން މާޒިޔާއިން ހިތްވަރުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ޖެސިކް ވަނީ ބުނެފައެވެ.

ޖެސިކް ބުނީ މި މުބާރާތުގެ ފުރަތަމަ ދެ މެޗު މާޒިޔާއިން ކުޅުނު ގޮތަށް ކުޅެފި ނަމަ، ފަހު މެޗުގައި ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ މާޒިޔާ ބައްދަލުކުރާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.

މި ގްރޫޕުގައި ހޮނިހިރު ދުވަހުގެ ހަވީރު މޯހަން ބަގާނުން ވަނީ 4-0 ގެ ނަތީޖާއަކުން ބަޝުންދަރާ ކިންގްސް ބަލިކޮށްފައެވެ. އެއާއެކު މި ގްރޫޕްގެ ހަތަރު ޓީމަށްވެސް މިހާރު ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ.

އެގޮތުން ގްރޫޕުގެ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ގޯކުލަމް ކުޅޭނީ ބަޝުންދަރާއާއެވެ. އަދި އެރޭ ގްރޫޕްގެ ފަހު މެޗުގައި އޭޓީކޭ މޯހަން ބަގާން ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އޭއެފްސީ ކަޕުގެ އިންޓަ ޒޯނަލް ޕްލޭއޮފުން ފުރުސަތު ލިބޭނީ މި ގްރޫޕުން އެއްވަނަ ހޯދާ ޓީމަކަށް އެންޏެވެ.