ކުޅިވަރު

ބަންގަބަންދު ގޯލްޑްކަޕްގެ ޗެމްޕިއަންކަން ނޭޕާލް ހޯދައިފި




ފައިނަލުގައި ބަޙްރެއިން ތިނެއް ސުމަކުން ބަލިކޮށް
ބަންގަބަންދު ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ނޭޕާލް ހޯދައިފިއެވެ.



ސެމީގައި ރާއްޖެ އަތުން ހަތަރެއް އެކަކުން މޮޅުވެ
ފައިނަލަށް ދަތުރުކުރި ނޭޕާލްއަށް މެޗުގެ ވަރަށް ކުރީ ކޮޅު ފުރަތަމަ ގޯލް
ކާމިޔާބުކޮށްދިނީ މަގަރްއެވެ.



އޭގެ ފަހުން ބަޙްރެއިންއިންވެސް ނޭޕާލްގެ ގޯލަށް
ނުރައްކާ ކުރިނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ހިނގައިދިޔަ ކަންތަކަކާއި ގުޅިގެން މެޗްގެ ރެފްރީ ވަނީ ނޭޕާލްގެ
ކުޅުންތެރިއަކާ ބަޙްރެއިންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން
ފޮނުވާލާފައެވެ.



މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ނޭޕާލްއަށް
ލީޑް ފުޅާކޮށްދިނީ ޝްރެސްތާއެވެ. އަދި އޭނާ ވަނީ މެޗުގެ އިތުރު ވަގުތުގައިވެސް ގޯލެއް
ކާމިޔާބުކޮށް ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްލާފައެވެ.



މެޗް ނިމުމުގެ ކުރިން ބަޙްރެއިންގެ އަބްދުލް އަޒީޒް
އަލް ޝެއިޙްއަށްވެސް ރެފްރީ ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.



މި މެޗް ބަޙްރެއިންއަށް ކުޅެން ޖެހުނީ ޓީމުގެ ކޯޗުގެ
އިރުޝާދާ ނުލާއެވެ. ސެމީގައި ބަންގްލަދޭޝް އަތުން މޮޅުވި މެޗުގައި ހިނގައިދިޔަ
ކަންތަކަކާއި ގުޅިގެން އެނާ ވަނީ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން އޭނާޔަށް
މިއަދުގެ މެޗުގައިވެސް ހުންނަން ޖެހުނީ ޓީމަށް އިރުޝާދުދެވޭ ހިސާބުން ބޭރުގައެވެ.



ނޭޕާލް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެއްވެސް
މެޗަކުން ބަލިނުވެއެވެ. ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ ރާއްޖެއިން ޖެހި
ގޯލު އެކަންޏެވެ.



މީ ފަހުގެ ތާރީހެއްގައި ނޭޕާލްއަށް ސަރަހައްދީ
ފުޓްބޯޅައިގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. މިކާމިޔާބީއާއެކު
ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މުބާރާތް ކާމިޔާބުކުރުމުގެ ބޯނަހެއްގެ
ގޮތުގައި ނޭޕާލް ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ފަސް ލައްކަ ރުޕީސް ދިނުމަށް
ނިންމާފައެވެ.