މުނިފޫހިފިލުވުން

ނީތޫއާ އަނިލް ވަރިވަނީ..


ބޮލީވުޑް ފިލްމުތަކަށް ލޯބި ކުރާ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަ އެއްކަމަކީ އަނިލް ކަޕޫރާއި ނީތޫ އެކުގައި ސްކްރީނުން ފެންނަ ވަގުތަށެވެ.

ބޮލީވުޑް ސްކްރީންތަކުގައި 90ގެ އަހަރުތަކުގެ ތެރޭގައި އެންމެ ކާމިޔާބު އެއްތަރީގެ ގޮތުގައި ލިސްޓްކުރެވިފައިވާ އަނިލް ކަޕޫރާއި 70 އަދި 80 ގެ ތެރޭގައި މަގުބޫލުކަން ހޯދި ނީތޫ އެކުގައި ފެންނަ "ޖުގް ޖުގް ޖިޔޯ" ސްކްރީންތަކަށް އަންނަނީ އަންނަ މަހުގެ 24 ވަނަދުވަހުއެވެ. މީ މި ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރުވެސްމެއެވެ. އަދި ރިޝީ މަރުވިފަހުން ނީތޫ ފެންނަ ފުރަތަމަ ފިލްމަކީވެސް މިއީއެވެ.

އާއިލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ފުރަތަމަ ޓްރެއިލަރ މި ވަނީ ދައްކާލާފައެވެ. ފުރަތަމަވެސް ފެނިގެންދަނީ މި ފިލްމުގައި އަނިލްއާއި ނީތޫގެ ދަރީގެ ރޯލުން ފެންނަ ވަރުން ދާވަން އާ އެނާގެ އަންހެނުން ކިއަރާ އަދްވާނީ ވަރިވާން އެއްބަސްވާ މަންޒަރެވެ. އަދި ދުރުވާން ނިންމި ނިންމުން އާއިލާއަށް އަންގަން ނިންމަނީ ކުރިޔަށް ތައްޔާރުވަމުންދިޔަ އާއިލާ ހަފްލާއެއްގެ ފަހުންނެވެ. އެހެންނަމަވެސް ބައްޕަ ކައިރީ އެވާހަކަ ނުބުނެވެނީސް ބައްޕަ އާ މަންމަ ދުރުވާން ނިންމި ވާހަކަ އިވެއެވެ. މުޅި ޓްރެއިލަރގެ ރާގު އެ ހިސާބުން ބަދަލުވެއެވެ. ގިނަ ބަޔަކަށް މި ފިލްމުގެ ޓްރެއިލަރ ވަނީ ވަރަށް ކަމުގޮސްފައެވެ. ޓްރެއިލަރ ކަމުދިޔަ ގިނަ ބަޔަކު ބުނަމުން އަންނަނީ ފިލްމުގައި ދެން ހިންގާނެކަންކަން ހެއްވާވެފައި މަޖާވާނެތީ ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑުކަމަށެވެ. ޓްރެއިލަރ އާއްމުކުރިތާ 4 ގަޑިއިރުވެސް ނުވަނީސް 3 ލައްކައަށްވުރެ ގިނަ މީހުންވަނީ މި ޓްރެއިލަރ ބަލާފައެވެ.

ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ. އަނިލް ކަޕޫރާ، ނީތޫ ސިންގ. ވަރުން ދާވަން ، ކިއާރާ އަދްވާނީގެ އިތުރުން މި ފިލމުގެ މުހިއްމު ރޯލަކުން އިންޑިއާ ޓީވީތަކުގައި މިހާރު އެންމެ މަޝްހޫރު ހޯސްޓް މަނީސް ޕައުލްވެސް ފެނިގެންދާނެއެވެ. މީގެއިތުރުން ޓިސްކާ ޗޯޕްރާވެސް ފިލްމުގައިވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

2020 ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމު ސިނަމާތަކަށް އައުސް ލަސްވެފައިވަނީ ކޯވިޑްގެ ދެވަނަ ރާޅެއް އިންޑިއާގައި ފެތެރެން ފެށުމުންނެވެ. މި ފިލްމު ވެގެންދާނީ ނީތޫ އަލުން ސްކްރީންތަކަށް އެނބުރި އައުމަކަށެވެ. ނީތޫ އެންމެ ފަހުން ފެނުނީ އެނާގެ ފިރިމިހާ ރިޝީ ކަޕޫރާއި ދަރި ރަންބީރު ކަޕޫރާއި އެކު ފެނުނު "ބޭޝަރަމް" އިންނެވެ.