ޚަބަރު

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް


ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ޚިދުމަތް ދިނުމުގެ ރޫޙް" އެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބުކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާރސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާރސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފްކަމަށްވާއިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަޤުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެންމެ މާތް މަޚުލޫގުންނަކީ، އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއްވެސް ވަނީ އިންސާނުންނާއި ގުޅިފައި ކަމަށާއި، އެހެން ކަމުން އެ ދިރުންތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެންމެން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ދުވާލުގެ މަސައްކަތުން 8 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް އެންމެން އެކުގައި މިމަސައްކަތް ކުރުމަށް ޝަރީފް ވަނީ ގޮވާލާފައެވެ.

މިޕްރޮގާމްގެ ދަށުން ކުރެވޭ މިފަދަ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެންދާނެ ކަމެއްގެ ގޮތުގައި ނުބާއްވާ، ހުއްޓާނުލާ ކުރިއަށްގެންދާ މަސައްކަތަކަށް ހެދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި ކުނި އުކާލުމާއި ނައްތާލުމަށް ޚާއްސަ ނިޒާމެއް ގާއިމުކުރެވި އެ ނިޒާމްގެ ތެރެއިން ކުނި އިތުރުވިޔަ ނުދިނުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް ވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 އިންޖީނުގޭގައި އެއްފަހަރާ ކުރިއަށް ގެންގޮސްފައެވެ.