ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ މީހުންގެ ނަން ޢާންމުކުރަން ފަށައިފި


ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާމުކުރަން ފަށައިފިއެވެ. މިގޮތަށް ހަމަޖެއްސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރުގައި ޖެއްސުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާއެކުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިކަން ކުރަން ނިންމީ ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ މީހުން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެކުރިން އެމީހުން ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢިއުލާނެއްގައިވާނީ ބައެއް ޕާޓީތަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއެކު ޢާމުކޮށްފައެވެ. އަދި ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައިވާނެކަމށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ޢާއްމުކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އަންއާދީއްތަ ދުވަހުގެ 15:00ގެ ކުރިން އެކަން އެކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

ޢާއްމުކޮށްފައިވާ ލިސްޓުގައިވަނީ 3 ޕާޓީއަކަށް ވަނުމަށް ހުށަހަޅާފައިވާ 373 މީހެއްގެ ނަމެވެ. އެއީ ޖުމްހޫރީ ޕާޓީއަށް ވަނުމަށް ލާފައިވާ 23 މީހެއްގެ ފޯމާއި އެމްޑީއޭގެ 105 ފޯމާއި އެމްއެންޕީގެ 245 ފޯމެވެ.

އެކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ ފަހަކަށްއައިސް ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ މީހުންގެ ފޯމް އޮޅުވާލައި އޭނާ ވަންނަން ހުސަހެޅި ޕާޓީ ނޫން އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ތުހުމަތު ބައްފަރާތްތަކުން ކޮށްފައިވަނިކޮށެވެ.