ވިޔަފާރި

ގަން އެއަރޕޯޓް - ޖިގްގެ މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއަރޕޯޓް


އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ދަށުން ހިންގާ ގަން އެއާޕޯޓުގެ އޭވިއޭޝަން ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށް ވެއްޖެއެވެ.

ގަން އެއަރޕޯޓުން ވިދާޅުވީ އޭވިއޭޝަން ފިއުލް ދައިރާގައި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވުމާއެކު އެ އެއަރޕޯޓުން ވަނީ "ޖިގް-12" ގިންތިއަށް ފެތޭވަރަށް އެއާޕޯޓުގެ ފެންވަރު މަތިކޮށްފައެވެ. މިއާއިއެކު ޖިގް މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއާޕޯޓަށް ގަން އެއާޕޯޓު ވެފައިވާ ކަމަށް ގަމުން ވިދާޅުވެއެވެ. މިއާއެކު ގަން އެއަރޕޯޓުން ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ "ޖިގް އިންސްޕެކްޝަން ޓްރެކިންގް ސިސްޓަމް"ގެ ދަށުން ޖިގް ސެޓިފިކޭޝަން ވަނީ ލިބިފައެވެ.

ގަން އެއަރޕޯޓުން ވިދާޅުވީ، މިކަމުގެ ސަބަބުން ގަމުން ވިއްކާ ތެލުގެ ފެންވަރު ރަނގަޅު ކުރެވި، ބައިނަލްއަޤްވާމީ ގިންތިތަކަށް އޭވިއޭޝަން ފިއުލް ވިއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގަން އެއަރޕޯޓަކީ ވެލާނާ އެއާޕޯޓުގެ ފިޔަވައި ރާއްޖޭގައި އޭވިއޭޝަން ފިއުލް އެންމެ ފުޅާ ދައިރާގައި ވިއްކާ އެއާޕޯޓެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރު ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ހިއްސާ ކުރަނީ މިގޮތަށް ވިއްކާ ތެލުންނެވެ. މިގެ އިތުރުން އަޔާޓާ ސޭފްޓީ ފޯރ ގްރައުންޑް އޮޕަރޭޝަންސް ސެޓިފިކެޓުވެސް ހާސިލްކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާކަމަށް ގަން އެއާޕޯޓުން ވިދާޅުވެއެވެ. މިއީ ގަމުގެ ގްރައުންޑް އޮޕަރޭޝަން ސޭފްޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ގަން އެއާޕޯޓުން ވިދާޅުވެއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބައިނަލްއަޤްވާމީ އެއާޕޯޓަކީ ދެކުނުގެ މައި ދޮރާށިގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުންދާ އެއާޕޯޓެކެވެ. އަދި ގަން އެއާޕޯޓަކީ ވެލާނާ އެއާޕޯޓު ފިޔަވައި މިވަގުތު ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތަކެއް ކުރަމުންދާ ހަމައެކަނި އެއާޕޯޓުވެސްމެއެވެ.

މިއެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާއިރު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ގަމުން ޙިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓު ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މިމަޝްރޫޢުގެ ފުރަތަމަ މަރުހަލާ މިހާރު ފަށާފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.