ޚަބަރު

ސަތާރަ އަހަރަށްފަހު އދގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ޗައިނާއަށް


އދގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ މިޗެލް ބަޗެލޭ ޗައިނާއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އެއީ 2005ވަނަ އަހަރުގެ ފަހުން އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޗައިނާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ޤައުމުގެ ހުޅަނގުގައި އޮންނަ ޝިންޖިޔާނަށް ވަޑައިގަންނަވާނެއެވެ. އެ އިދާރާއިން ޤަބޫލުކުރާ ގޮތުގައި ޗައިނާގެ ސަރުކާރުން ޝިންޖިޔާނުގައި ދިރިއުޅޭ ވީގަރ މުސްލިމުން ޤާނޫނާ ޚިލާފަށް ބަންދުކޮށް ބުރަ މަސައްކަތްކުރުވައި އެ ނޫންވެސް ލާއިންސާނީ ޖަރީމާތައް ހިންގައެވެ. ނަމަވެސް ޗައިނާއިންވަނީ އެ ތުޙުމަތުތައް ދޮގުކޮށް އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ވީގަރ މުސްލިމުންގެ ޙާލަތު ދެނެގަތުމަށް ބަޗެލޭ ކުރައްވާ މަސައްކަތްތަކަށް ޗައިނާއިން ހުރަސްއެޅުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި އެ ކަމަނާގެ މަސައްކަތަށް އެއްބާރުލުން ދޭނެކަމަށް ނުބެލެވޭކަމަށާއި ޗައިނާއިން ކަންކަން ފޮރުވުމަށް މަސައްކަތްކުރާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން ވީގަރ މުސްލިމުންގެ ޙާލަތު އެތައް އަހަރެއްވަންދެން އެނގިވަޑައިގެން ހުންނަވައި އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުން ބަޗެލޭއަށްވެސް އެމެރިކާއިންވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެއީ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިން ފެންނަން ބޭނުންނުވާ ސިފައެއްކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

ޢުމުރުފުޅުން 70 އަހަރުގެ ބަޗެލޭ އދގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާވަނީ ޗިލީގެ ރައީސްކަމުގެ ދެ ދަޢުރު ފުރިހަމަކުރައްވައިފައެވެ.