ޚަބަރު

އެމްޑީޕީ އިންތިޚާބުގެ ރަސްމީ ނަތީޖާ: ތަފާތު ބޮޑުކޮށް ފައްޔާޒާއި، ރޮޒޭނާއަށް ކާމިޔާބު!


މިމަހުގެ 16ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ. ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާއާއި މާބޮޑު ފަރަގެއް ނެތްނަމަވެސް ކެނޑިޑޭޓުންނަށް ލިބުނު ވޯޓުތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައެވެ.

ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީން ބޭއްވި މިއިންތިޚާބުގައި ސާޅީސް އަށް ހާހަށްވުރެ ގިނަ މެންބަރުން ވޯޓުލާފައިވެއެވެ. މިއިންތިޚާބުގައި ފަސް މަޤާމަކަށް ބޭފުޅުން ވަނީ އައްޔަން ކޮށްފައެވެ. އެއީ އެޕާޓީގެ ޗެއަރޕާސަންގެ މަޤާމާއި، އަންހެނުންގެ ރޫހުގެ ރައީސާއި ނާއިބު ރައީސާއި، ޒުވާނުންގެ ރޫޙުގެ ރައީސާއި ނައިބު ރައީސް ހޮވުމަށެވެ.

މި އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑުވީ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބަށެވެ. ޗެއަރޕާސަންކަމަށް ވާއްދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. ޗެއަރޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ. އެމްޑީޕީން ޢާންމުކޮށްފައިވާ ދާއިމީ ނަތީޖާގައި ވާގޮތުން މިއިންތިޚާބު ފައްޔާޟު ކާމިޔާބު ކޮށްފައިވަނީ 7،000 ވޯޓުގެ ތަފާތުންނެވެ. މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،406 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ. ޖުމްލަ 48،583 މީހަކު ވޯޓްލާފައިވެއެވެ.

ފައްޔާޟު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބު ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު ވަނީ ފައްޔާޞަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ފައްޔާޟް އިސްމާއިލު ހިންގުމުގެ ތަޖުރިބާއާ އެކު އެމްޑީޕީއާއެކު ކުރިޔަށް ގޮސް 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެކަމަުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ވާދަވެރި އިންތިޚާބުގައި ފައްޔާޟްއާ ވާދަކުރެއްވި އިންތިއަށް ތާއިދުކުރައްވާ ބަހުގެ އެކި ހަމަލާތައްވެސް ދެއްވި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ފައްޔާޟް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ޞަފާތު އަޙްމަދެވެ. އަންހެނުންގެ ރޫހުގެ ރައީސްގެ އިންތިޚާބު ކާމިޔާބުކުރެއްވީ ރޮޒައިނާ އާދަމެވެ. ރޮޒޭނާ މިއިންތިޚާބު ކާމިޔާބު ކުރެއްވީ 3900 ވޯޓުގެ ތަފާތުންނެވެ. ރޮޒައިނާއަށް ލިބިވަޑައިގަތީ 11754 ވޯޓެވެ. އަދި ޞަފާތަށް ލިބިވަޑައިގަތީ 7847 ވޯޓެވެ.

އަންހެނުންގެ ރޫހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ފާޠިމަތު ސަމީރެވެ. އެމްޑީޕީ ޒުވާނުންގެ ރޫހުގެ ރައީސްކަމަށް އިންތިޚާބުވީ މުހައްމަދު އަންޞަރާއި ރިފްގާ ޝިޔާމެވެ. ޒުވާނުންގެ ރޫހުގެ ނާއިބު ރައީސްކަމަށް އިންތިޚާބުވީ ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްރެކްޓަރ އަޙްމަދު މައިމޫނެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކާމިޔާބުކުރައްވާ މިނިސްޓަރ ފައްޔާޟް ވަނީ އެންމެ އިސްކަމެއް ދެއްވާނީ ޕާޓި ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށް ވިދާޅުވެފައެވެ.