ޚަބަރު

ނުވަ އަހަރަށްފަހު އޮސްޓުރޭލިޔާގެ ލިބެރަލް ޕާޓީއަށް ވެރިކަން ގެއްލެނީ


ނުވަ އަހަރަށްފަހު އޮސްޓުރޭލިޔާގެ ލިބެރަލް ޕާޓީއަށް ވެރިކަން ގެއްލޭނެކަން އެ ޤައުމުގައި ބޭއްވި ޢާއްމު އިންތިޚާބުގެ ވަޤުތީ ނަތީޖާއިން ދައްކައިފިއެވެ.

އޮސްޓުރޭލިޔާގައި ބޭއްވި ޢާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވެނީ އިދިކޮޅު ލޭބަރ ޕާޓީންނެވެ. އަދި ގުރީން ޕާޓީންނާއި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންވެސް ގިނަ ޢަދަދެއްގެ ގޮނޑިތަކެއް ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ. އެހެންކަމުން ލޭބަރ ޕާޓީން ސަރުކާރެއް އެކުލަވާލުމަށް ގުރީން ޕާޓީއާއި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި ކެނޑިޑޭޓުންގެ ތާޢީދު ބޭނުންވާނެކަމަށް ބެލެވެއެވެ.

އޮސްޓުރޭލިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ 151 ގޮނޑީގެ ތެރެއިން ލިބެރަލް ޕާޓީ އިސްވެ އެކުލަވާލާފައިވާ އިއްތިޙާދަށް ކާމިޔާބުކުރެވޭނީ 60 ގޮނޑިކަމަށް ބެލެވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން 76 ގޮނޑި ކާމިޔާބުކުރަން ޖެހެއެވެ. އެ ޢަދަދަށް އިދިކޮޅު ލޭބަރ ޕާޓީއަށްވެސް ގޮނޑި ކާމިޔާބުކުރެވޭނެކަމަށް ނުބެލެވެއެވެ.

2013ވަނަ އަހަރުން ފެށިގެން އޮސްޓުރޭލިޔާގައި ވެރިކަންކުރާ ލިބެރަލް ޕާޓީއަށް ގިނަ ރައްޔިތުން ނޫނެކޭ ބުނި މައިގަނޑު ސަބަބަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި ގިނަ އަހަރުތަކެއްވުމެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ ޖަންގަލިތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކަކާ ޢާއްމުންނަށްވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ޢާއްމުންވަނީ ތިމާވެށި ޙިމާޔަތްކުރުމަށް ބޮޑު އިސްކަމެއްދޭ ގުރީން ޕާޓީއާއި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނަށް ވޯޓުދީފައެވެ.