ޚަބަރު

ޔަހޫދީންގެ ވަރުގަދަ މިސައިލް ޙަމަލާތަކެއްގައި ސޫރިޔާއަށް


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ސޫރިޔާއަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ.

ސޫރިޔާގެ ރަސްމީ ނޫސް އިދާރާކަމަށްވާ ސާނާއިން ބުނެފައިވަނީ ޔަހޫދީންގެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ ވެރިރަށް ދިމިޝްޤު ކައިރީގައި ޤާއިމުކޮށްފައިވާ އަސްކަރީ މަޤާމުތަކަށްކަމަށްށެވެ. އަދި ޔަހޫދީންގެ ގިނަ ޙަމަލާތައް ޢަމާޒަށް ވާޞިލުވުމުގެ ކުރިން ވައިގެ ތެރެއިން ނައްތާލެވުނުކަމަށާއި އެ ޙަމަލާތަކުގައި ތިން މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމުވިކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. ދިމިޝްޤު ކައިރީގައި ޤާއިމުކޮށްފައިވާ މަޤާމުތަކަށް ޢަމާޒުކޮށް މިސައިލުތައް ފޮނުވާލާފައިވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސޫރިޔާގެ ޖައުލާނުގެ އުސްބިންތަކުންނެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ދިރާސާކުރައި ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓަރީ ފޮރ ހިޔުމަން ރައިޓްސުން ބުނެފައިވަނީ އިސްރާއީލުގެ ޙަމަލާތަކުގައި މަރުވެފައިވަނީ ސޫރިޔާގެ އަސްކަރިއްޔާއަށް ނިޞްބަތްވާ ތިން ސިފައިންކަމަށާއި އިތުރު ހަތަރު ސިފައިން އެ ޙަމަލާތަކުގައި ޒަޚަމުވިކަމަށެވެ. އަދި އިސްރާއީލުގެ ޙަމަލާތައް ޢަމާޒުކޮށްފައިވާ ދިމިޝްޤު ކައިރީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ މަޤާމުތަކަށްކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ސޫރިޔާއަށް ދެމުންދާ ޙަމަލާތައްވަނީ އިތުރުވެފައެވެ. އެ ގޮތުން މެއި މަހުގެ 13ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި ސޫރިޔާގެ ފަސް މީހުން މަރުވެފައިވެއެވެ. އަދި އޭޕުރީލް މަހުގެ 27ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި 10 މީހުން މަރުވެފައިވެއެވެ.

2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ސަތޭކައަށްވުރެ ގިނަ ފަހަރު ސޫރިޔާގެ އެކި ސަރަޙައްދުތަކަށް ޢަމާޒުކޮށް ޙަމަލާދީފައެވެ.