ވިޔަފާރި

ޖުލައިމަހު އެމްޓީސީސީން އިތުރު 2 ޑްރެޖަރު ގެންނަނީ


އެމްޓީސީސީއަށް ޖުލައިމަހު އިތުރު 2 ޑްރެޖަރ ގެންނާނެކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ، ކުންފުނީގެ ބޯޑުގެ މިހާރުގެ ވިސްނުން ހުރީ އެމްޓީސީސީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި ކާމިޔާބު ކުންފުންޏަށް ހެދުންކަމަށެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުންޏަކަށް ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ހެދުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމްޓީސީސީގެ އަމާޒަކީ ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކުންފުނި ބޮޑުކުރަމުންދާއިރު އިކުއިޕްމަންޓްސް އައުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެގޮތުން ޖުލައިމަހުގެ ތެރޭގައި އިތުރު 2 ޑްރެޖަރު ޖުލައި މަހުގެ ތެރޭގައި ގެންނާނެކަމަށެވެ. މި 2 ޑްރެޖަރު ރާއްޖެ އައުމުން ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އިކުއިޕްމަންޓްސްގެ ގޮތުގައި ބެލިކަމުގައި ވިއަސް ވަރަށް ބާވެފައި މިވަނީ. މުޅި ފްލީޓް ކަހަލަ ގޮތަކަށް އައު ކުރެވިފައި މިހާރު މިވަނީ. އައު 2 ޑްރެޖަރ ޖުލައި މަސްތެރޭގައި އަޅުގަނޑުމެންނާ ޖޮއިން ކުރާނެ. އެއާއިއެކު ހިއްކުމުގެ މަސައްކަތްތައް އަވަސްވެ ހަލުވި ވެގެންދާނެ. އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ މި ކުންފުންޏަކީ މުސްތަޤްބަލުގައި ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެންމެ ކާމިޔާބު އެއް ކުންފުންޏަށް ވެގެންދާނެކަމަށް." އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ މަސައްކަތްތައް ކުރާ އެންމެ ބޮޑު އެއް ކުންފުންޏަކަށް އެމްޓީސީސީ ހެދުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭއިރު އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން އެމްޓީސީސީން ވަނީ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކަށް މުވައްޒަފުން ފޮނުވައިގެން ކިޔަވާ ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގްރާމް ތެރެއިން އެމްޓީސީސީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާނެ މުވައްޒަފުން ތަމްރީންވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.