ކުޅިވަރު

އޮއްފު އެފްސީ އާއި ވެމްކޯއަށް ފަސޭހަ މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގައި އޮއްފު އެފްސީ އާއި ކުލަބު ވެމްކޯއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

އަންނަ މަހު އެސޯސިއޭޝަން ކަޕް ފަށާއިރު، އެ މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ މެޗުތައް ހުކުރު ދުވަހުގެރޭ ވަނީ ފަށާފައެވެ. ވޮލީބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ އޮއްފު އެފްސީ އާއި ކުލަބު ވެމްކޯގެ އިތުރުން އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް (އާއި ސްޕޯޓްސް) އަދި އައްޑޫ ސްޕޯޓްސް ކުލަބެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބާއި އޮއްފު އެފްސީ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އޮއްފު އެފްސީއެވެ. މި މެޗުގެ ސެޓުތައް އޮއްފު އެފްސީން ގެންދިޔައީ 25-12، 25-17 އަދި 25-12 އިންނެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އައްޑޫ ސްޕޯޓްސް ކުލަބާއި ކުލަބު ވެމްކޯއެވެ. މި މެޗު ވެމްކޯއިިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-12، 25-18 އަދި 25-17 އިންނެވެ.

އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގެ ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ މެޗުތައް ނިމޭއިރު ކުރި ހޯދާ ދެ ޓީމު އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރަށް ކޮލިފައިވާނެއެވެ. އަދި މި އަހަރުގެ ގައުމީ ލީގުންވެސް އެ ދެ ޓީމަށް ޖާގަ ލިބޭނެއެވެ.

މި އަހަރުގެ އެސޯސިއޭޝަން ކަޕް އަންނަ މަހު ފެށުމަށް ތާވަލުކުރެވިފައިވާއިރު، އެސޯސިއޭޝަން ކަޕުގެ ގަވާއިދަށް ވަނީ ބޮޑު ބަދަލެއް ގެނެވިފައެވެ. އެގޮތުން ކުރިން ކޮންމެ ޓީމަކު ބިދޭސީ ދެ ކުޅުންތެރިން ހިމެނުނު ނަމަވެސް، މި އަހަރު ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފައެވެ. އެކަމަކު އެއީ ވީއޭއެމުން އެކުލަވާލައިފައިވާ ޕޫލުގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހެއެވެ. ވީއޭއެމުން ވަނީ އިންޑިއާގެ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް އެސޯސިއޭޝަން ކަޕަށް އެކުލަވާލައިފައެވެ.