ޚަބަރު

އެއްބަޔަކު މުވައްޒަފުން މަދުވުމުގެ ޝަކުވާ، އަނެއްބަޔަކު ވަޒީފާ ނުލިބުމުގެ ޝަކުވާ!


ރާއްޖެއަކީ ދެކުނު އޭޝިއާއަށް ބަލާއިރު ތަޢުލިމީ ގޮތުން އެންމެ ވަރުގަދަ ޒުވާން ޖީލު އޮތް ޤައުމުކަން ތަފާސްހިސާބުތަކުން ދައްކައެވެ. ތަޢުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުންވަނީ މަތީ ތަޢުލީމާހަމައަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެހެންނަމަވެސް ޤައުމަށް ބޭނުންވާ ޢަދަދާ ގާތަށްވެސް ޚިދުމަތުގައި ޒުވާނުން ނެތްކަމީ ފެންނަން އޮތް ހަގީގަތެކެވެ.

އިހުގެ ފަތްފުއްތަކުން އެނގެން އޮތް އެއް ޙަގީގަތަކީ ދިވެހިންނަކީ އަމިއްލަ ވެށިން ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން ދިރިއުޅެން ދަސްކޮށްފައިވާ މީހުންކަމެވެ. ދިވެހިންނަށް ލިބެން ހުރި އެއްޗަކުން ކުރިއަރައިދާން ކުރާ މަސައްކަތް ކާމިޔާބުކަންވެސް ދިވެހިންވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން "ހިރިގަލުގެ" ވަޑާމުގެ މަސައްކަތްތަކީ ފާހަގަކުރެވޭ ދާއިރާއެކެވެ. އެއީ ރާއްޖެއިން ބޭރުން ބަޔަކު އައިސް ދިވެހިންނަށް ދަސްކޮށްދިން ޢިލްމަކަށްވުރެ ބޮޑަށް ދިވެހިންގެ ވަޑާމުގެ އުކުޅުތަކުން ގައު ތަޅައިގެން ކުރި މަސައްކަތުގެ ތެރެއިން އީޖާދުކޮށްފައިވާ ދިވެހިންގެ މިލްކެއްކަން އިނގެން އެބައޮތެވެ. މަސްވެރިކަމަށް ބަލާއިރުވެސް މަސް ހިއްކާ ރާއްޖޭއިން ބޭރަށް މަސްފޮނުވުމުގެ މަސައްކަތްވެސް އެތައް ހުރަސްތަކަކާއެކުވެސް ދިވެހިން އައީ ކުރަމުންނެވެ.

މިއީ ރާއްޖޭގައި ތަޢުލީމު ފުޅާވެ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމުގެ ކުރިން ދިވެހިން އަމިއްލަ ވަޒަނުން އުފެއްދި ހަމަޖެހޭ ދިރިއުޅުމެވެ. އެހެންނަމަވެސް އަދުގެ ޒަމާނީ ތަޢުލީމާއެކުވެސް އާބާދީއަށް ކުރިމަތިވެފައިވަނީ ހައްލުކުރުން ދަތި މައްސަލަތަކެވެ. މީހުން ބިނާކުރުމުގައި މައްސަލައެއް އުޅޭކަން ދެނެގަނެ ވިސްނާ ބަޔަކު ނެތެވެ. ތަޢުލީމީ ނިޒާމު މިއަދު ބައްޓަންވެފައިވާ ގޮތުން ވަށައިގެންވާ މާހައުލާއި ވެށީގެ ހަގީގަތް ކުދިންނަށް އިނގޭ މިންވަރު ދަށްވެފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ކުޑަ ކުޑަ މިސާލެކެވެ. ދިވެހިން ޢާއްމުކޮށް ކެއުމުގައި ބޭނުންކުރާ ކަނޑުމަހުގެ ބާވަތްތަކުގެ މަޢުލޫމާތު ގިނަ ކުދިންނަށް ނޭނގެއެވެ. ވެށީގެ މަޢުލޫމާތު ނޭނގޭނަމަ އެވެށިން ނަފާހޯދުމަށް ހުރި ފުރުސަތު ދެނެގަތުމަކީ ނާދިރުކަމެކެވެ.

ސްކޫލް ނިޒާމު އޮތްގޮތުން ކުދިން ގިނަ ވަގުތު ހޭދަކުރަނީ ކުލާސްތަކުގައެވެ. ކިޔަވައިދެނީ ބޭރު ޤައުމުތަކާއި ބަދަލުވަމުންދާ ދުނިޔޭގެ ހަގީގަތެވެ. ރާއްޖޭގެ ވެއްޓާއި އަންނަ ބަދަލު ދިރާސާކޮށް ދެނެގަތުމުގެ ހުނަރު ކުދިންނަށް ފޯރުކޮށްދެވޭނެ ފުރުސަތު އަދުގެ ތަޢުލީމީ ނިޒާމުގައިވަނީ ހަނިވެފައެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލް ނިންމާ ކުދިން މުޖުތަމަޢަށް ނުކުންނައިރު ވިސްނިފައި އޮންނަނީ ވަޒީފާއަކީ ޓައި އަޅައިގެން އޮފީހަށް ގޮސް އަދާކުރެވޭ އެއްޗެއްކަމެވެ.

ދާދިފަހުން ވަކީލުން ހުވާކުރުމަށް ބެއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުކަން ގިނަ ކުދިން ކިޔަވަނީ އޭގެއިން ލިބޭ މާލީ މަންފާ ބޮޑުވުމުންކަމަށް ޤަބޫލުކުރެވޭކަމަށާއި އެއީ އޭގެ ނުރައްކާ އިންތިހާއަށް ޤައުމަށް ކުރިމަތިވެދާނެކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ރާއްޖޭގައި ދާދިފަހުން ފްލައިން ސްކޫލް މައްސަލަ ބޮޑުވެ އެކަމުގައި ޙަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ ގިނަ ކުދިން އޭލެވެލް ނިންމުމަށްފަހު ޕައިލެޓުކަން ކިޔަވަން ކުރިމަތިލާކަމަށެވެ. އެހެންނަމަވެސް އެދާއިރާގައި ވަޒީފާތަކެއް ނެތްކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ގިނަ ނަރުހުން ތަމްރީނުކުރަނީ ޤައުމީ ޔުނިވަރިސިޓީއިންނެވެ. އެތަނުގެ ވެރިޔަކު ވިދާޅުވީ ކޮންމެ އަހަރެއްގައިވސް ނަރުހުން އެތައް ސަތޭކައިން ތަމްރީނުކޮށް ހުވާކުރާކަމަށެވެ. އެހެންނަމަވެސް ޚިދުމަތުގައި އޭގެތެރެއިން ގިނަ ކުދިން ނުތިބޭކަމަށާއި ކުދިންނަށް ވާގޮތެއް ބަލަން ދިރާސާއެއް ކުރަންޖެހޭކަމެވެ.

ރާއްޖޭގައި މަސް ބަންދުކޮށް ބޭރަށް ފޮނުވުމުގެ މައި ކުންފުންޏަކީ މިފްކޯއެވެ. ބައެއް މޫސުމުގައި ރާއްޖޭގެ މަސް ތިޔާގިވެ މިފްކޯއަށާއި ދެންވެސް ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް މަސްކިރުން ކޮންޓްރޯލްކުރަންޖެހެއެވެ. ނަތީޖާއެއްގެގޮތުން ގިނަ ޢަދަދެއްގެ މަސް ނުކިރި މޫދަށް އުކާލައެވެ. މިއީ އާދަވެގެން ހިނގަމުން އަންނަކަމަކަށްވާއިރު މިއީ ލިބޭ ރަނުގެ ފުރުސަތަކަށް ބަދަލުކުރުމުގެ ވިސްނުން އެއްވެސް ފަރާތަކުން ނުގެންގުޅެނީ ކީއްވެތޯއެވެ؟

ކުދިންނަށް ވަކި ދާއިރާއަކަށް ދިޔުމަށް ބާރުއެޅުމުގެ ބަދަލުގައި ރާއްޖޭގައި މަދުވެފައިވަނީ ކޮންދާއިރާތަކެއްކަމާއި ހުރި ފުރުސަތުތައް ކުދިންނަށް ވިސްނައިދީ އެކުދިންނަށް އެދާއިރާތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ ޝައުގުވެރިވާނެ ފަދަ ގޮތަކަށް ތަޢުލީމީ ނިޒާމު ބައްޓަން ކުރަން އެބަޖެހެއެވެ. މީގެ މަންފާ ކުދިންނަށާއި ޤައުމަށްވެސް ކުރާނެއެވެ.

ހަތަރު ލައްކަ މީހުންގެ އާބާދީއޮތް ރާއްޖޭގެ ސިވިލް ސަރވަންޓުންގެ ގޮތުގައި 26000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަހަރަކު 5000އެއްހައި ދަރިވަރުން ގުރޭޑު ދިހައެއް ނިންމާ މަތީ ތަޢުލީމަށް ނުވަތަ ވަޒީފާއަށް ކުރިމަތިލައެވެ. މިހުރިހާ ފަރާތަކަށް ދޭނެ ވަޒީފާއެއް ޤައުމުގައި ނުއުފެއްދޭކަން ދަންނަން އެބަޖެހެއެވެ. އެހެންކަމުން ވަޒީފައާއި މެދު ތަފާތު ގޮތަކަށް ވިސްނަން މިއަދުމިވަނީ ޖެހިފައެވެ. ވަޒީފާ ނެތްކަމަށް އެއްބަޔަކު ބުނާއިރު ހުރި ވަޒީފާތަކަށް ޒުވާނުން ނުނިކުންނަ ސަބަބު ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނު ނުވަނީ ކީއްވެތޯވެސް ބަލަން އެބަޖެހެއެވެ.