ކުޅިވަރު

ފުރަތަމަ ލެގުގައި އޭދަފުށި ފުޓްބޯޅަ ކުލަބުން ކުލަބު އޭދަފުށި ބަލިކޮށްފި


ބ. އޭދަފުށީގައި ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން އޯޕަން ރައުންޑުގެ ފުރަތަމަ ލެގުގެ މެޗު އޭދަފުށި ފުޓްބޯޅަ ކުލަބުން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ކުލަބު އޭދަފުއްޓާ ބައްދަލުކޮށް އޭދަފުށި ފުޓްބޯޅަ ކުލަބުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް އޭދަފުށީ ފުޓްބޯޅަ ކުލަބުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަތީފެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެ ޓީމުގެ ފަހަތަށް ކުޅޭ ރައްޒާން ރަޝީދު ދިން ތްރޫ ޕާހަކުންނެވެ.

އެކަމަކު އޭގެ ނުވަ މިނެޓު ފަހުން ކުލަބު އޭދަފުށިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކުލަބު އޭދަފުށީގެ އަލީ ނަސީމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އޭރިއާ ތެރޭގައި ހުހަށް ހުރެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ.

ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭދަފުށި ފުޓްބޯޅަ ކުލަބު އަލުން ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްފިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މުޙައްމަދު އަތީފެވެ.

ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަށް ވުރެ އިތުރަށް ބައިވެރިވެފައިވާނަމަ ކުޅޭ ބުރެކެވެ. މި ދެ ޓީމުގެ ތެރެއިން ލީގު ކޮލިފައިންގެ ތިންވަނަ ޑިވިޝަނަށް ހޮވޭ ޓީމެއް ކަށަވަރުވާނީ އަންގާރަ ދުވަހު ކުޅޭ ދެވަނަ ލެގުގެ މެޗަށްފަހުއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގުގައި އޭދަފުށި ހިމެނެނީ ސެންޓްރަލް ލީގުގައެވެ.