ޚަބަރު

އެހީގެ ގޮތުގައި ޔޫކްރެއިނަށް 40 ބިލިޔަން ޑޮލަރު އެމެރިކާއިން ދެނީ


ޔޫކްރެއިނަށް އެހީގެ ގޮތުގައި 40 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ސަރުކާރުން ހުށަހެޅި ބިލް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ފާސްކޮށްފިއެވެ.

ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް 40 ބިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށް ފާސްކޮށްފައިވަނީ 86 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ލިބިފައިވަނީ 11 ވޯޓެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ އެ ފައިސާ ޚަރަދުކުރާނީ އަސްކަރީ، އިޤްތިޞާދީ އަދި އިންސާނީ އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށެވެ. އެއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. މީގެ ކުރިންވެސް އެމެރިކާއިންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އަސްކަރީ އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ފާސްކުރި ބިލް ތަސްދީޤުވުމުން ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމި އެހީތެރިކަމުގެ ޢަދަދު 50 ބިލިޔަނަށްވުރެ އިތުރުވާނެއެވެ. އެމެރިކާގެ ސަރުކާރުން ހުށަހަޅާފައިވަނީ އެހީގެ ގޮތުގައި 33 ބިލިޔަން އެމެރިކާ ޑޮލަރު ޔޫކްރެއިނަށް ދިނުމަށެވެ. ނަމަވެސް ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ދިގުލައިގެންދާނެކަމަށް ނިންމާ އެ ޢަދަދު 40 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ނިންމިއެވެ. އޭގެ ތެރޭގައި ހިމެނެނީ 8.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމަށާއި ޔޫކްރެއިނުގެ ފައުޖުތައް ތަމުރީނުކޮށް އެ މީހުންނަށް ބޭނުންވާ ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި ހަ ބިލިޔަން އެމެރިކާ ޑޮލަރާއި އެ ނޫންވެސް ސަލަމާތާ ގުޅުންހުރި ކަންކަމަށް ކަނޑައެޅި 3.9 ބިލިޔަން އެމެރިކާ ޑޮލަރެވެ. އޭގެ އިތުރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ޙުއްދަ ނުހޯދާ ޔޫކްރެއިނުގައި ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް 11 ބިލިޔަން އެމެރިކާ ޑޮލަރުވަނީ ހަމަޖައްސާދީފައެވެ. އަދި ކާބޯތަކެތީގެ ދަތިކަން ފިލުވުމަށް ފަސް ބިލިޔަން އެމެރިކާ ޑޮލަރާއި ޔޫކްރެއިނުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ނުވަ ބިލިޔަން އެމެރިކާ ޑޮލަރާއި ޔޫކްރެއިނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 900 މިލިޔަން އެމެރިކާ ޑޮލަރުވަނީ ކަނޑައަޅައިފައެވެ.

ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑު ބޭންކު މެދުވެރިކޮށް އުފައްދާފައިވާ ފަންޑުން 530 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް އެ ޤައުމުގެ މާލީ ވުޒާރާއިންވަނީ ބުނެފައެވެ. އޭގެ ތެރެއިން 500 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައިވަނީ އެމެރިކާއިންނެވެ. އަދި ބާކީ 30 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ފައިސާ ބޭނުންކުރަނީ ޔޫކްރެއިނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.