ވިޔަފާރި

އެމްޓީސީސީގެ މިއަހަރުގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުން - އާޒިމް


އެމްޓީސީސީގެ މިއަހަރުގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، 2021ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ، މި ސަރުކާރުން އެމްޓީސީސީގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ. އެކަން އެގޮތައް ނުކޮށްދޭނަމަ އެމްޓީސީސީން މިއަދު މިދެކޭ ކުރިއެރުން ނުލިބުނީސްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަމާޒަކީ ދިވެހިރާއްޖޭގެ ކުންފުނިތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭވަރުގެ ކުންފުނިތަކަށް ހެދުންކަމަށެވެ. އެ އަމާޒު ހާސިލްކުރުމަށް ބޭނުންވާ ހުރިހައިކަމެއް ކޮށްދެއްވަމުން ގެންދަވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކުރިން އެމްޓީސީސީއަކީ އަހަރަކު 50 މިލިއަނުގެ ފައިދާވާ ކުންފުންޏެއްކަމަށާ، ނަމަވެސް މިއަދު އެމްޓީސީސީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އަމާޒުހިފަނީ ކުރީއަހަރަށްވުރެ 50 މިލިއަން އިތުރަށް ފައިދާ ހޯދުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2020ވަނަ އަހަރު އެމްޓީސީސީއަށް 224 މިލިއަނުގެ ފައިދާވަނީ ވެފައެވެ. 2021ވަނަ އަހަރު 270 މިލިއަނުގެ ފައިދާވެފައިވާއިރު މިއަހަރު އެމްޓީސީސީގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއާއިއެކު އަހަރު ނިންމާލުންކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިން އެމްޓީސީސީއަކީ ގާތްގަނޑަކަށް 50 އަކަށް މިލިއަނުން އަހަރު ނިންމާލާ ކުންފުންޏެއް ފައިދާގެ ގޮތުގައި. އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ އެމްޓީސީސީއަކީ 200 މިލިއަނުން މަތިން ފައިދާ ނަގާ ކުންފުންޏެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ކުރިމަގުގެ އަމާޒަކީ ކުރިމަގުގައި އެމްޓީސީސީއަށް މަދުވެގެން ކޮންމެ އަހަރަކު ކުރީ އަހަރަށްވުރެ އަބަދުވެސް 50 މިލިއަން ލިބެމުންދާ ކުންފުންޏަކަށް ހެދުން. އެގޮތުން 2020ވަނަ އަހަރު އަމާޒުހިފީ 200 މިލިއަނަށް. އެއަހަރު އަޅުގަނޑުމެންނަށް 224 މިލިއަނުގެ ޕްރޮފިޓެއްގައި ނިންމުނު. ދެން އަޅުގަނޑުމެން އަމާޒުހިފީ 2021 ވަނަ އަހަރު 250 މިލިއަނުން ނިންމުމަށް އެގޮތުގެ މަތިން އަޅުގަނޑުމެންނަށް މި ނިންމުނީ 270 މިލިއަނުގެ ޕްރޮފިޓެއްގައި. އަޅުގަނޑުމެން 2022 ގެ އަމާޒަކީ 300 މިލިއަނަށްވުރެ ބޮޑު ފައިދާއަކާއިއެކު ނިންމުން. އަދި ނިންމާފައި 2023 ވަނަ އަހަރަކީ 350 މިލިއަނަށްވުރެ މަތީ ފައިދާއަކުން ނިންމުން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކެޕޭސިޓީއާއި މުވައްޒަފުންގެ އަދަދުވެސް އެ ކުންފުނިން އަންނަނީ އިތުރުކުރަމުންނެވެ. ކުރިން 1500 މުވައްޒަފުން އެމްޓީސީސީގައި ތިބިއިރު މިއަދު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 3600 އަށް އިތުރުވެފައެވެ. އަދި ކުރިން އެއްފަހަރާ 20 ޕްރޮޖެކްޓް ހިންގޭއިރު މިއަދު އެމްޓީސީސީއަށް އެއްފަހަރާ 100 ޕްރޮޖެކްޓް ހިންގެއެވެ.