ޚަބަރު

އުނގެނޭ ޢިލްމުގެ އެހީގައި މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާ - ނައިބް ރައީސް


އުނގެނޭ ޢިލްމުގެ ބޭނުން ހިފައިގެން މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2022ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ތަޢުލީމު ހާޞިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައިހުރި ޢިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާޢީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން މޮޅެތި ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ގޮސް ހަލާކުވެގެން ދިޔުމަކީ އެއްވެސް މީހަކު ބޭނުން ވާނެކަމެއް ނޫންކަން ފާހަގަކުރައްވައި ނައިބްރައީސް ވިދާޅުވީ ތަޢުލީމީ ބަޔަކަށްވެ ތިބެ މިކަމަށް ފުންކޮށް ވިސްނައި މިމައްސަލަ ހައްލުކުރުމަށްޓަކައި ފަރުދީ ލެވެލްގައި މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތައް ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ އެންމެން އެކީ އެކަމާދެކޮޅަށް އަޑު އުފުލާ އުޓުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާޞިލުކުރުމަށް މުޅި ރާއްޖޭގައި މީގެކުރިން ނެތް މިންވަރަށް ފުރުޞަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ 14000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނަކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާ މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ސަނަދު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކުއްލިއްޔާ އޮފް ޝަރިޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.