އެމްޓީސީސީގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ ޢާންމު ޖަލްސާއިން ފާސްކޮށްފިއެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު ޢަދަދެވެ. އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.
މި ޖަލްސާގައި 5 ރުފިޔާގެ މޫނުމަތީ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %64 ވޯޓުންނެވެ. އެގޮތުން މިޢަދަދު ބެހުމަށް ވޯޓުދީފައިވަނީ 396 ހިއްސާދާރުންނެވެ. އަދި ނުފެންނަކަމަށް ވޯޓު ދީފައިވަނީ 257 ހިއްސާދާރުންނެވެ.
މި ޖަލްސާގައި 2021ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރައިސް ވޯޓަރ ހައުސްކީޕަރއެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 478590 ރުފިޔާއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ މުހައްމަދު އިމްރާން އަދުނާނާއި ނަސްރަތު މުހައްމަދެވެ.
މި ޖަލްސާގައި އޮންލައިންކޮށްވެސް އަދި ޖަލްސާއަށް ޙާޒިރުވެގެންވެސް ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. ޖަލްސާއަށް ޙާޒިރުވެގެން ބައިވެރިވެފައިވަނީ 69 ހިއްސާދާރުންނެވެ. އެއީ 5.6 މިލިއަން ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނެވެ. ޖަލްސާގައި މުޅި ޖުމްލަ %70 އަށްވުރެ ގިނަ ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ.
މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުން ދައްކާގޮތުން 2021ވަނަ އަހަރު އެމްޓީސީސީން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ކޮށްފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު އެމްޓީސީސީއަށް ޖުމްލަ 1.38 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކައެވެ.