ޚަބަރު

ލަންކާއަށް އެހީ ހޯދުމުގެ މަސައްކަތާ ނަޝީދު ޙަވާލުވެވަޑައިގަތުމުން ރައީސްގެ މަރުޙަބާ


ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަވާލު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ނަޝީދުއާ ހަވާލުކުރައްވާފައިވަނީ އެ މަނިކުފާނު އެކަމަށް ސްރީލްންކާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގަތުމުންނެވެ.

ރައީސް ނަޝީދަށް މަރުހަބާ ދަންނަވާ ރައީސް ޞާލިހް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ރާއްޖެ އަބަދުވެސް އޮންނާނީ ސްރީލަންކާއެކުގައި ކަމަށާއި ސްރީލަންކާއަށް ދިމާވާ ކޮންމެ ދަތި އުނދަގުލަކުން އަރައިގަތުމަށް ރާއްޖެއިން އެހީތެރިވެ ދެއްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސަކަތް ކޮށްދެއްވަން ހުށަހެޅުއްވީ ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ނަޝީދު އެގޮތަށް ހުށަހެޅުއްވީ މިއަދު ބޭއްވި މަޝްވަރާތަކެއްގައެވެ. ލަންކާއަށް އެހީ ހޯދައިދޭން އެމަނިކުފާނު ހުށަހެޅުއްވުމުން ބޮޑުވަޒީރު ރަނިލް ވިކްރަމަހަ ސިންހަ ވަނީ ޝުކުރު އަދާކުރައްވައި އެ މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.