ޚަބަރު

އެކި މިނިސްޓްރީ ތަކުގެ ނަމުގައި މަކަރާއި ޙީލަތުން ފައިސާ ހޯދަނީ


އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށއަޅަމުން އަންނަކަމށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށްކަމަށެވެ. އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ފުލުހުން ވިދާޅުވެއެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައެވެ.

ފުލުހުން ވިދާޅުވީ އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާކަމަށެވެ. އަދި ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެމުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދައެވެ. ފުލުހުން ވިދާޅުވީ މިގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުންކަން ފާހަގަކުރެވޭކަމަށެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.