ޚަބަރު

ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައީސް ނަޝީދަށް


ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެކަން ޤަބޫލުފުޅުކުރައްވައި ސްރީލަންކާއިން ރައީސް ނަޝީދާ މިއަދު އެކަން ހަވާލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސަކަތް ކޮށްދެއްވަން ހުށަހެޅުއްވީ ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ. ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ނަޝީދު އެގޮތަށް ހުށަހެޅުއްވީ މިއަދު ބޭއްވި މަޝްވަރާތަކެއްގައެވެ. ލަންކާއަށް އެހީ ހޯދައިދޭން އެމަނިކުފާނު ހުށަހެޅުއްވުމުން ބޮޑުވަޒީރު ރަނިލް ވިކްރަމަހަ ސިންހަ ވަނީ ޝުކުރު އަދާކުރައްވައި އެ މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ބޭރު ފައިސާގެ ޢަދަދު މަދުވެ ގޭހާއި ތެޔޮ ގަންނާނެ ފައިސާ ނެތުމުގެ ސަބަބުން ޢާއްމުންނަށްވަނީ ބޮޑު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ކައްކާ ގޭސް ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިވެ ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ލިބުމުގައިވެސްވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ކޯވިޑް-19ގެ ސަބަބުން ސުރީލަންކާގެ ސަރަޙައްދީ ރޮނގު ގިނަ ދުވަސްތަކަކަށް ބަންދުކުރުމުންނާއި ޓެކްސް ނެގުން މަދުކުރުމުގެ ސަބަބުން އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ޢަދަދު 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއާއެކު އެ ޤައުމަށް ބޭނުންވާއި ގޭހާއި ތެލާއި ކާބޯތަކެއްޗާއި ބޭސް ގަތުމަށް ބޭރުގެ އިދާރާތަކާއި ޤައުމުތަކުގެ މާލީ އެހީތެރިކަމަށް އެދުމަށްވަނީ މަޖުބޫރުވެފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އަދި އެ މަޤާމަށް ރަނިލް ވިކްރަމަސިންހަ ވަނީ އައްޔަން ކުރައްވާފައެވެ.