ޚަބަރު

ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހައްދަވާދެއްވަނީ


މިއަހަރުގެ ތެރޭގައި އައި.ޖީ.އެމް.އެޗްގައި މިސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ކެތްލެބަކާއި، ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭ ގޮތަށް ޑައިގްނޯސްޓިކް ސެންޓަރުތަކެއް ގާއިމް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.  އުންމީދީ 2016 ގެ ނަމުގައި ޕީ.ޕީ.އެމް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތެއްގެ ސިއްޚަތައް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ކުރިން ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ބައެއް ބަލިތަކުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުނު އެތައް ކަމެއް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުން ފުރިހަމަކުރެވެން އެބަހުރިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ބޭސް ފަރުވާއަށް ބޭނުންވާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެހެންކަމުން އެޚިދުމަތްތަށް ހިލޭ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިއަހަރުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕީޓަލުގައި މިސަރަހައްދުގެ އެންމެ ރަނގަޅު ފެންވަރުގެ ކެތްލެބް ގާއިމް ކުރެވިގެންދާނެކަމަށާއި، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކަށް "ސުޕަރ ސްޕެޝަލިޓީ" ޑައިގްނޯސްޓިކް ސެންޓަރެއްވެސް މިއަހަރު ގާއިމް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި  ސަރަހައްދުގެ ތަޖުރިބާކާރުން ގެނެސްގެން ހަމަ އެސެންޓަރުން ކިޑްނީ ޓްރާންސްޕްލާންޓްވެސް ހެދިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.ފަރުވާތައް ތަހްލީލު ކުރުމާއި ދެނެގަތުމުގެ ގާބިލުކަން އިތުރުކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވެވަޑައިގަންނަވާފައިވާ ވައުދާއެއްގޮތަށް މިސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު އަންނަ ސެޕްޓެމްބަރ މަހުގެ ކުރީން އައި.ޖީ.އެމް.އެޗްގައި ގާއިމްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ އަރުއްވާފައެވެ. މިދިޔަ ދެއަހަރު ސިއްޙީ ދާއިރާއަށް އަމާޒުކުރައްވައިގެން އިސްކަންދެއްވި ކަންތައްތަކުގެ ގޮތުގައި ރައީސް ޔާމީނުވަނީ މައިގަނޑު ދެކަމެއް ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ މުއްދަތުގައި "ދިހަ ހާސް ފައްސަތޭކަ" ކުދިންގެ ހެލްތް ސްކްރީން ހަދައި ނިމި އޭގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިންނަށް ސްޕެޝަލިސްޓް ޑޮކްޓަރުގެ ފަރުވާ ދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި "އަށް ހާސް ކުދިން"ގެ ތެލަސީމިއާ ޓެސްޓް ކުރެވިފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވައި އެފަދަ ކުދިންގެ ސިއްޚަތައްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާކަމުގައި ވިދާޅުވެފައެވެ.